31 Mar 2015, 18:50
ރާއްޖޭގެ ކޮކަކޯލާ ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ގިނަ ބަޔަކަށް ބޮޑެތި އިނާމްތަކެއް ލިބޭ ގޮތައް ޕްރޮމޯޝަން އެއް ފަށައިފި އެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އެ ޕްރޮމޯޝަން ފައްޓަވާފައި ވަނީ ޝަރަފުވެރި މެހްމާން، މާޒިޔާ ސްޕޯޓްސް ކްލަބުގެ ގޯލް ކީޕަރު އިމްރާން މުހައްމަދެވެ.
މިއަދު ފެއްޓެވި އެ ޕްރޮމޯޝަންގައި ބައިވެރި ވުމަށް ކޮކަކޯލާ އިން ތައްޔާރު ކޮށްފައިވާ ހާއްސަ ފުޅިއެއް ގަނެގެން ބައިވެރި ވެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ޕްރޮމޯޝަން އަށް ހާއްސަ ކޮށް ތައްޔާރުކޮށްފައިވާ ހުދު މަތިގަނޑުލީ ކޯކު ފުޅީގައި އިންނަ ހަ އަކުރުގެ ކޯޑު ފޮނުވުމާއެކު އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ. އެ ކޯޑު ފޮނުވާނީ 2626 އަށެވެ.
މާޗު 31، 2015: ކޮކާކޯލާ ރާއްޖެއަށް ތައާރަފް ކުރިތާ 25 އަހަރު ފުރުމުގެ މުނާސަބާތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު
މިއަދުން ފެށިގެން މޭ މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި ބޮޑު ދެ އިނާމެއް ވަނީ ހަމަ ޖައްސާފައެވެ. އެގޮތުން 12 ފަރާތަކަށް ޔަމަހާގެ ސައިކަލެއް އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
ދެ ވަނަ އިނާމެއްގެ ގޮތުގައި ހަ ނަސީބުވެރިއަކަށް އިތުރު ފަރާތެއް ގޮވައިގެން ސިންގަޕޫރުގެ ޔުނިވާސަލް ސްޓޫޑިއޯއަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކޮކާކޯލާއިން ބުންޏެވެ. އެ ދަތުރުގެ ހުރިހާ ހަރަދެއް ކުރާނީ އެ ކުންފުނިން ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ ކޮކަކޯލާ ކުންފުނީގެ ސިލްވާ ޖުބްލީ ފާހަގަ ކުރުމުގެ ގޮތުން ފެށި ޕްރޮމޯޝަންގައި ބައިވެރިވުމަށް ތައްޔާރު ކޮށްފައިވާ ކޯޑުތައް ކޯކުގެ 300 އެމްއެލް އާއި 500 އެމްއެލް އަދި ދެ ލީޓަރުގެ ފުޅިތަކުން ލިބޭނެ އެވެ.
މާޗު 31، 2015: ކޮކާކޯލާ ރާއްޖެއަށް ތައާރަފް ކުރިތާ 25 އަހަރު ފުރުމުގެ މުނާސަބާތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު
ފްރިމޯޝަންގައި ހުށަހަޅާފައިވާ ބޮޑެތި އިނާމުތަކުގެ އިތުރުން ކުދި އެތައް އިނާމުތަކެއް ވެސް ހުށަހެޅިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.