އާންމު ދިރިއުޅުމުގައި އަބަދުވެސް އަޑު އިވެނީ ލިބޭ އެއްޗަކުން ހަރަދު ނުޗަލާ ވާހަކައެވެ. މަހުގެ މެދުތެރެއިން އަނގަޔާއި އަތާއި ދިމާނުވާ ވާހަކަ އެވެ. މުސަޅުދުވެލީގައި އަގުތައް މައްޗަށް ދާއިރު ކަނހަބު ދުވެލީގައި އާމްދަނީ ދަތުރުކުރާވާހަކަ އެވެ. މިއީ އާންމު ރައްޔިތުންގެ ހިތުގެ ޝުއޫރެވެ. ހިތުގެ އުދާސްތަކެވެ. މާޔޫސް ކުރުވުވަނިވި އިހުސާސްތަކެވެ. މިކަން މިހެން އޮއްވައި މިއަދަށް މި އިރުއެރީ އަނެއްކާވެސް އިތުރު ހަބަރަކާއެކު އެވެ. އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއެކުވެ. ހިތުގެ ޝަކުވާއަކީ އިމްޕޯޓް، އެކްސްޕޯޓް ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު އަނެއްކާވެސް ތަކެތީގެ އަގުތައް މައްޗަށް ޖެހިލީތޯ އެވެ؟

ރޭ 12:00 އާއެކު 13 ބާވަތަކުން ޑިއުޓީއަށް ބަދަލު އައިސްފި އެވެ. ދެ ބާވަތެއްގެ ޑިއުޓީ ކުޑަވާއިރު 11 ބާވަތެއްގެ ޑިއުޓީ ޖެހިލީ މައްޗަށެވެ. މައްޗަށް ޖެހިލީ ކާބޯތަކެތި ނުހިމެނޭ ގޮތަށް ގިނައިން ކޮންމެ މީހަކު ވެސް ބޭނުންވާ ޒާތުގެ މުދަލުންނެވެ. ދަށަށް ޖެހިލީ ވަކި ބަޔަކަށް ހާއްސަ ކުރެވިފައިވާ މުދަލުންނެވެ. ޑިއުޓީ ދަށްވެފައި ވަނީ އާންމު ރައްޔިތުން އާންމުކޮށް ބޭނުން ނުކުރާ ރަނުގެ ބާވަތްތަކުންނާއި ޓޫރިޒަމް ދާއިރާއަށް އެތެރެކުރާ އުޅަނދުތަކުންނެވެ. ތަފްސީލަކަށް ދަމާތޯއެވެ.

އެންމެ ގިނަ ބަޔަކު އެކަމަކަށް ކަންބޮޑުވި ސައިކަލުގެ ޑިއުޓީވެސް މިއަދުން ފެށިގެން 150 ޕަސެންޓަށް ބޮޑުވެއެވެ. އެއީ ގާތްގަނޑަކަށް ސައިކަލަކުން 20،000 ރުފިޔާ އެވެ. ނަމަވެސް ކުރިއަށްއޮތް ހަފްތާތެރޭ އެއަދަދު ދަށް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެމުއްދަތުގެ ތެރޭގައި އެތެރެކުރެވޭ ސައިކަލްތަކަށް ނަގާ ޑިއުޓީ އަނބުރާ ދޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ. އެއާއެކު ފޭރާމުގެ ބާވަތްތަކުން ވެސް ފަސް ދުވަހުގެ ތެރޭގައި ޑިއުޓީ ކަނޑާލެވޭނެ އެވެ. އެހެންކަމުން އެ ދެ ބާވަތަކުން ބިރެއްނެތެވެ.

ކަސްޓަމްސް ޑިއުޓީއަށް ގެނެވުނު ބަދަލާއެކު ކުރިން ޑިއުޓީ ނުނަގާ ކޮސްމެޓިކްސް އިން މިއަދުން ފެށިގެން ފަސް ޕަސެންޓް ޑިއުޓީ ނަގާއިރު އަނެއްބައި ކޮންސްމެޓިކްސްއިން 20 ޕަސެންޓް ޑިއުޓީ ނަގާނެއެވެ. ފަސް ޕަސެންޓް ޑިއުޓީ ނަގާ ކޮސްމެޓިކްސްގެ ތެރޭގައި ހިމެނެނީ ޒަރޫރީ ބޭނުމަށް ބޭނުންކުރާ ސާމާނެވެ. އޭގެ ތެރޭގައި އާންމުކޮށް ޒީނަތްތެރިވުމަށް ބޭނުން ކުރާ ސާމާނުހިމެނެއެވެ.

ފަސް ޕަސެންޓް ޑިއުޓީނަގާ ކޮސްޓެމިކްސްގެ ތެރޭގައި ހިމެނެނީ ހެއާ ކޮންޑިޝަނާގެ އިތުރުން ލޯޝަނާއި ސައިބޯންޏާއި ދަތް އުނގުޅާ ބޭހާއި ބޮޑީ ސުޕްރޭ އާއި ޑިއޮޑޯރަންޓާއި ޒީނަތްތެރިވާ ފުށުގެ ބާވަތްތަކެވެ. އޭގެ އިތުރުން އިސްތަށި ބޭލުމަށް ބޭނުންކުރާ ތަކެއްޗާއި ބޮލުގައި ލުމަށް ބޭނުންކުރާ ކްރީމްތަކާއި ޖެލްތަކާއި އަނގަ ދޮވުމަށް ބޭނުންކުރާ ތަކެއްޗާއި މޫނުގައި އުނގުޅާ އެކިއެކި ކްރީމްތަކާއި ސަން ކްރީމް ހިމެނެ އެވެ. އެބާވަތްތަކުން ޑިއުޓީ ނަގަން ފެށުމުން ކޮންމެ ބާވަތެއްގެ އަގުވެސް މިހާރު ހުރިވަރަށް ވުރެ ފަސް ޕަސެންޓް މައްޗަށް ޖެހިލާނެއެވެ. އެހެންކަމުން ލަފާ ކުރެވެނީ އެއީ ތިން ރުފިޔާއާއި ފަސް ރުފިޔާއާއި ދެމެދުގެ މިންވަރަކަށް އަގު ބޮޑުވުމެއް ކަމަށެވެ.

އިސްވެ ފާހަގަކުރި ތަކެތި ނޫން ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެތި ހިމެނެނީ ލަގްޒަރީ ކޮސްމެޓިކްސްގެ ތެރޭގައެވެ. އެހެންކަމުން ކުރިން ޑިއުޓީއެއް ނުނަގާ ތަފާތު ބާވަތްތަކުގެ ސެންޓުންނާއި ކޮސްމެޓިކްސް ތަކެތިން ދެން 20 ޕަސެންޓުގެ ޑިއުޓިއެއް ނަގާނެއެވެ. އޭގެ ތެރޭގައި މޭކަޕްކުރަން ބޭނުންކުރާ ތަފާތު ސާމާނުތައް ހިމެނޭނެއެވެ. އެހެން ކަމުން މިހާރަށް ލަފާ ކުރެވޭ ގޮތުގައި އެބާވަތްތަކުން ކޮންމެ 100 ރުފިޔާއަކަށް ގާތްގަނޑަކަށް 20 ރުފިޔާ އަގު ބޮޑުވާނެއެވެ.

ގިނަ ބަޔަކު އޭގެ އަޅުންނަށް ވެފައިވާ ސިނގިރޭޓުން ވެސް މިއަދުން ފެށިގެން ޑިއުޓީ ވަނީ ބޮޑުވެފައެވެ. އެ އަމަލުން މީހުން ދުރުކުރުމަށް ބޮޑުކުރި ޑިއުޓީގެ ސަބަބުން މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން އިތުރަށް 1.25 ރުފިޔާގެ ޑިއުޓީއެއް ދެން ނަގާނެއެވެ. އެހެން ކަމުން ލަފާ ކުރެވޭ ގޮތުގައި މިހާރު 2 ރުފިޔާއަށް ވިއްކާ ސިނގިރޭޓެއް ދެން އެންމެ އަގުހެޔޮކޮށްވެސް ލިބޭނީ 3.50 ރުފިޔާއަށެވެ. ސިނގިރޭޓް ފޮއްޓެއް ގެ އަގު 65 ރުފިޔާއިން މައްޗަށް އަރައިގެން ދާނެ ކަމަށް ބެލެވެއެވެ.

ސިނގިރޭޓުގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ 150 ޕަސެންޓުން 200 ޕަސެންޓަށް ބޮޑުވެއެވެ. އެހެންކަމުން ތަފާތު ވައްތަރުގެ ބިޑިޔާއި ސީޝާ ފަދަ ތަކެތިން އިމްޕޯޓްއަގުން އިތުރަށް 50 ޕަސެންޓް އަގު މައްޗަށް ޖެހިލާނެއެވެ.

ދެން އޮތީ އެއެއްޗަކާ ގުޅިގެން އެންމެ ބޮޑަށް ތަކެތީގެ އަގުތައް މައްޗަށް ދިއުމުގެ ބާވަތުގެ ޑިއުޓީއަށް އަންނަ ބަދަލުގެ ވާހަކައެވެ. އެއީ ތެލުގެ ބާވަތްތަކެވެ. ކުރިން ޑިއުޓީ ނުނަގާ ތެލުން 10 ޕަސެންޓް ނަގަނީއެވެ. ޑިއުޓީ ބޮޑުކުރާ ތެލުގެ ބާވަތްތަކަކީ ޕެޓްރޯލާއި ޑީސަލް އާއި ޖެޓް އޭވަން ފިއުލް އާއި ކަރާސީނެވެ. ތެލުގެ އެ ބާވަތްތައް މިހާރު ބާޒާރުގައި ހުރި އަގުތަކަށް ބަލާއިރު ބޮޑުވާނެ އަގެއް ކަމަށް ބެލެވެނީ އެއް ރުފިޔާއެވެ. އެހެން ކަމުން ތެޔޮ އަގުބޮޑުވެގެން ހިދުމަތްތަކުގެ އަގަށް އަދި ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. ޑިއުޓީ ނުނަގާ ތެލުގެ ބާވަތްތަކުގެ ތެރޭގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ނުހިމެނެއެވެ.

އާންމުކޮށް ބޭނުންކުރާ އެބާވަތްތަކުގެ އިތުރުންވެސް ކުރިން 35 ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން އައި ހެވީ ވެހިކަލްތަކުން 50 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ނިންމާފައިވާ އިރު ފަސިންޖަރުން އުފުލާ ވެހިކަލްތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އެއްގަމު ދުއްވާ އުޅަނދުފަހަރުގެ ސްޕެއާއިން ކުރިން 35 ޕަސެންޓްގެ ޑިއުޓީއެއް ނަގާ އިރު އަލަށް ގެންނަ ބަދަލާ އެކު 50 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގައެވެ. އެހެންކަމުން އުޅަނދުތަކުގެ އަގުތައް އިންތިހާއަށް މައްޗަށް ޖެހިލާނެއެވެ.

ފާހަގަކޮށްލި ތަކެތީގެ ޑިއުޓީނަގާ އަދަދު މިއަދުން ފެށިގެން ބޮޑުވިނަމަވެސް ގިނަ ވިޔަފާރިތަކުން ބުނަނީ މިއަދު ވިއްކާތަކެތިން އެއަގުތައް ބޮޑުނުވާނެ ކަމަށެވެ. އެ ވިޔަފާރިތަކުން ބުނާގޮތުން އަގު ބޮޑުވާނީ މިއަދުން ފެށިގެން އެތެރެކުރާ ބާވަތްތަކުންނެވެ. އެއީ ކައިރި މުސްތަގުބަލެއްގައެވެ. ބައެއް ވިޔަފާރިވެރިން ބުނާގޮތުން ޑިއުޓީއަށް ގެނެވުނު ބަދަލާއެކު އަގުތައް ކޮންމެވެސް ވަރަކަށް މައްޗަށް ޖެހިލާނެއެވެ.

"ގާތްގަނޑަކަށް ޖީއެސްޓީ އެޑްވި އަދަދަށްވުރެ ބޮޑު އަދަދެއް އެޑުވެގެންދާނެ އިތުރަށް. ސަބަބަކީ ކޮންމެ އެއެއްޗެއްގެވެސް ޑިއުޓީ ފަސްޕަސެންޓް މިނަގަނީ މުދަލުގެ ކޯސްޓުން. ނަގާއިރު އޭގެ ތެރެއިން ފްރައިޓް އެޑްވޭ،" 90 ޕަސެންޓް މުދާ އެތެރެކޮށްގެން ވިއްކާ ރެޑްވޭވް ގްރޫޕުގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވި އެވެ.

ތޭރަ ބާވަތެއްގެ ޑިއުޓީއަށް ބަދަލު އައިސްފައިވާއިރު ސަރުކާރުން ގަބޫލް ކުރާގޮތުގައި އޭގެން މާބޮޑު އަސަރެއް ނުކުރާނެއެވެ. އަދި އަގުތައްވެސް މާމަތިވެގެން ނުދާނެއެވެ. ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވިގޮތުގައި މިއަދުން ފެށިގެން އިމްޕޯޓް ޑިއުޓީއަށް އައިސްފައިވާ ބަދަލުގެ ސަބަބުން ތަކެތީގެ އަގުބޮޑުވެގެން އާންމު ރައްޔިތުންނަށް އޭގެ އަސަރެއް ނުކުރާނެއެވެ.

"އާންމުރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް މީގެ އަސަރު ޑިއުޓީ ބޮޑުވެޔޭ މިބުނާ މަފްހޫމުގައި ޑިއުޓީ ބޮޑުވެގެން ތަކެތީގެ އަގު ބޮޑުވާނެޔޭ ބުނާ މަފްހޫމުގައި ކުރާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އައްބާސް ވިދާޅުވި އެވެ.

ކޮންމެއަކަސް މިއަދަށް މި އަލިވިލުނީ އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތި އެތެރެކުރެވޭ އަގު މަތިވެގެންނެވެ. އޭގެ އަސަރު ވިއްކާ މުދަލަށް ކުރާނެއެވެ. އާންމުކޮށް ބޭނުންކުރާ ކޮސްމެޓިކްސް އިންނާއި ތެލާއި ސިނގިރޭޓުގެ އަގުތަކަށް ދެތިން ރުފިޔާ މަތިވީ އެވެ. ތަފާތު އުޅަނދުތަކާއި އެތަކެތީގެ ސްޕެއާގެ އަގުތައް އެތައް ހާހަކަށް މައްޗަށް ޖެހިލީ އެވެ. މީގެ އަސަރު ކޮންމެވެސް ސިފައެއްގައި ރައްޔިތުންނަށް ކުރާނެ އެވެ.