ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކުރިއަށް އޮތްތަނުގައި ބައިނަލް އަގުވާމީ ވިޔަފާރި ފުޅާކޮށް ރާއްޖޭގެ ތެލުގެ ރިޒާވް އިތުރުކުރަން ނިންމާފައިވާކަމަށް އެކުން ފުނިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ސަން ދެއްވި ހާއްސަ އިންޓަވިއޫއެއްގައި ވިދާޅުވީ، އިންޓަނޭޝަނަލް ޓްރޭޑްގައި އެސްޓީއޯ ސިންގަޕޫރު މިހާރުވެސް ކުރިއަށްދާއިރު އެވިޔަފާރި އިތުރަށް ފުޅާކުރުމަށް ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.

"އިންޓަނޭޝަނަލް ޓްރޭޑް ފުޅާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްއޮތްތަނުގައި ކުރިއަށްގެންދާނަން،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންޓަނޭޝަނަލް ޓްރޭޑުގައި އެސްޓީއޯގެ ގުޅުން އޮތީ ތެލާއި ތެލާ ގުޅުންހުރި ވިޔަފާރިތައް ކަމަށްވާތީ އެކުންފުނިން ބޮޑަށް އަމާޒު ކުރާނީ އެދާއިރާގެ ވިޔަފާރިތަކަށް ކަމަށެވެ. އެހެންކަމުން މިހާރަށް ވުރެ އިތުރަށް ގިނަ ގައުމުތަކަށް އެވިޔަފާރި ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ، ތެލުގެ ވިޔަފާރި މިހާރަށްވުރެ ފުޅާކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި އެގޮތުން ފުނަދޫ ތެޔޮ ރިޒާވް ތިލަފުއްޓަށް ބަދަލުކުރުމަށް މާސްޓާ ޕްލޭން ހަދަމުން ދާ ކަމަށެވެ.

މިވަގުތުގެ ރާއްޖެއަށް ބޭނުންވާވަރަށް ތެޔޮ ފޯރުކޮށްދެވޭނެ ސްޓޮކެއް ގާއިމް ކުރުން ކަމަށާއި މާސްޓާޕުލޭނާއެކު ފުނަދޫއަށްވުރެ ދެ ގުނަ ރައްކާކުރެވޭނެ ރިޒާވެއް ހަމަޖެހިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ބޭނުންވަނީ ރާއްޖެއަށް ބޭނުންވާވަރުގެ ސްޓޮކެއް ރާއްޖޭގައި ގާއިމް ކުރުން. ރާއްޖޭގެ މާކެޓް ވަރަށް ބޮޑުވެއްޖެ ކަންނޭނގެ މިހާރު. ފުނަދޫ އަނެއްހެން އެކްސްޕެންޑް ކުރަން ބެލިޔަސް ކުޑަ، "ޝަހީރު ވިދާޅުވި އެވެ.

ބޮޑެތި ބޯޓްތަކުގައި ގެންނައިރު ފްރެއިޓްވެސް އަގުހެޔޮވާނެ ކަމަށާއި ނަމަވެސް އެވަރަށް ގެނެސްގެން ފުނަދޫގައި ސްޓޯ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސްޓޯރޭޖް ބޮޑުކުރެވޭނަމަ ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގިނަ ކަންތައްތަކެއް ވެގެން ހެޔޮ އަގުގައި ނުވިއްކެނީ. ރާއްޖޭގައި އަސްލުގަ ސްޓޯރޭޖް ކުޑަވެފައި އަޅުގަނޑުމެންނަށް ތެޔޮގެނެވޭ އަގުތަކާ އެއްޗެހި މަތީ. މިއަށްވުރެ ހެޔޮއަގުގައި ވިއްކެން ޖެހޭނެ. އިންފްރާންސްކަޗާ މިއަށްވުރެ ރަނގަޅުކުރެވިފައި ބޮޑު ބޯޓެއްގައި ގެނެވޭ ކަމުގައިވަންޏާ" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އާދަމް އާޒިމް ހުންނެވިއިރު އެކުންފުނީގެ ވިސްނުން ގެންގުޅުނީ މާލެ ސަރަހައްދުގައި ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ތެޔޮ ރައްކާކުރަން އިތުރު ތިން ޓޭންކެއް ތައްޔާރުކުރުމަށެވެ.