ގަން އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑްގެ މުއައްޒަފުންގެ މުސާރައިގެ އައު އޮނިގަނޑެއް އެކުލަވާލައިފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީ (އޭއައިއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަލަށް އެކުލަވާލި އޮނިގަނޑުގެ ދަށުން ކުރީގައި މުވައްޒަފުންނަށް ދެމުންގެދިޔަ އަސާސީ މުސާރަ އަދި ސާވިސް އެލަވަންސް ވަކިން ދިން ނަމަވެސް، އައު އޮނިގަނޑުގެ ދަށުން ދޭނީ އަސާސީ މުސާރަ އާއި ސާވިސް އެލަވަންސް އެއްކޮށްލުމަށްފަހު ކަމަށެވެ.

އެގޮތުން އަސާސީ މުސާރަ އިތުރު ކުރެވުމުން، މުވައްޒަފުންގެ އަތުން ޕެންޝަނަށް އިތުރުވާ ފައިސާ ކުންފުނިން ލުމަށްފަހު، މުވައްޒަފުންނަށް ވަނީ މުސާރަ ބޮޑުކޮށްދީފައި ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.

އޭގެ އިތުރުން އެ އޮނިގަނޑުގެ ދަށުން އަހަރުން އަހަރަށް މުސާރަ އިތުރުވާނެ އިންކްރިމެންޓް ސިސްޓަމެއް ވެސް ގާއިމް ކުރެވިފައިވާ ކަމަށާއި މުވައްޒަފުންނާއި މަޝްވަރާ ކުރުމަށްފަހު މުވައްޒަފުންގެ އެދުމުގެ މަތިން ޝިފްޓް ޑިއުޓީއަށް ދެމުން ގެންދިޔަ އެލަވަންސް ކުރިންވެސް ދެމުން އައި ގޮތަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައު އޮނިގަނޑުގެ ދަށުން މުވައްޒަފުންނަށް ލިބޭ ބެނިފިޓްސް ޕެކޭޖް އިތުރުކޮށް އެ ކުންފުނިން ވަނީ އަލަށް އިންޝުއަރެންސް ޕެކޭޖެއް ވެސް ތައާރަފުކޮށްފަ އެވެ. އެ އިންޝުއަރެންސް ޕެކޭޖުގެ ދަށުން ކޮންމެ މުވައްޒަފަކަށް ވެސް 120،000 ރުފިޔާގެ ކަވަރޭޖެއް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގައުމުތަކުން ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނީގެ ބައެއް މުއައްޒަފުން މިއަދު ވަނީ އެމީހުންގެ ސާވިސް އެލަވަންސް ކަނޑާލިކަމަށް ބުނެ ހަޅުތާލުކޮށްފަ އެވެ. ނަމަވެސް އޭއައިއޭ އިން ބުނެފައި ވަނީ ސާވިސްޗާޖު އުނި ނުކޮށް އަސާސީ މުސާރަ އާއި ސާވިސް ޗާޖު އެއްކޮށްލާފައިވާ ކަމަށެވެ.