03 Apr 2015, 18:45
އެންމެ ފަހުން އޮތް މުސްލިމުންގެ ޚިލާފަތު ކަމަށްވާ އުސްމާނީ ޚިލާފަތުގެ އެންމެ ފަހު ދުވަސްވަރުގައި އުޅުއްވި ނުފޫޒު ގަދަ އަސްކަރީ ޝަޚުސިސްޔަތެއް ކަމަށްވާ އަންވަރު ޕާޝާގެ ޔުނިފޯމާއި އެހެން ބައެއް ތަކެތި ނީލަން ކިޔަން ނިންމައިފިއެވެ.
އެތަކެތީގެ ވެރިޔާ އުގޫރު ޔާގިން ބުނި ކަމަށް ތުރުކީގެ ހުއްރިއްޔަތު ދުވަހު ނޫހުން ބުނީ އެތަކެތި އޭނާއަށް ލިބިފައި ވަނީ އަންވަރު ޕާޝާގެ އާއިލާގެ މެމްބަރުންގެ ފަރާތުން ކަމަށެވެ. އަދި އެތަކެތި ނީލަމުގައި ވިއްކާލާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ވިއްކާލާ ތަކެތީގެ ތެރޭގައި ހިމެނެނީ އަންވަރުގެ ޔުނިފޯމާއި ތޮތްޕާއި ސްޓާފް އޮފިސަރު ކަމުގެ ޑިޕްލޮމާއާއި މެޑަލްތަކަކާއި ލީބިޔާގެ ހަނގުރާމައިގެ މައިދާނުގެ ބައެއް ފޮޓޯތަކާއި އަސްކަރީ ޗާޓްތަކާއި އޭނާގެ ކުރެއްސެވުންތަކާއި އަނބިކަނބަލުންގެ ބައެއް ކުރެއްސެވުންތަކެވެ. އަދި އޭނާ ލިއުއްވާފައިވާ ބައެއް ފޮތްތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ޔާގިން ވަނީ އޭގެ ތެރެއިން ބައެއް ތަކެތީގެ ފެށޭ އަގުތައް ވެސް މިހާރު އާއްމުކޮށްފައެވެ. އެގޮތުން އެންމެ ބޮޑު އަގެއް ޖަހާފައި ވަނީ އަންވަރު ޕާސާ ގެންގުޅުއްވި ބަޑިއެކެވެ. އޭގެ ފެށޭ އަގެއް ކަމަށް ޖަހާފައި ވަނީ 225000 ތުރުކީ ލީރާއެވެ.
އަންވަރު ޕާސާއަކީ އުސްމާނީ ޚިލާފަތުގެ އެންމެ ފަހު ދުވަސްވަރު ވަރަށް ނުފޫޒު ގަދަ އަސްކަރީ ޖެނެރަލެއްގެ އިތުރުން ސިޔާސީ ލީޑަރެކެވެ.