އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެއަށް ދަތުރު ކުރެއްވުން ކެންސަލް ނުކުރައްވާ ކަމަށް އެގައުމުގެ ފޮރިން ސެކްރެޓަރީ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު ވިދާޅުވި ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ "ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު ކެންސަލް ކުރެއްވޭނީ އެފަދަ ދަތުރުފުޅެއް އިއުލާން ކުރައްވާފައިވާ ނަމަ ކަމަށާއި އިންޑިއާއިން އަދި ދުވަހަކު ވެސް އެކަން އިއުލާން ނުކުރާ" ކަމަށެވެ.

ދަ ހިންދޫން މިހެން ބުނީ އެގައުމުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު އަހުމަދު މުޙައްމަދު ދެއްވި އިންޓަވިއުއަކަށް ބިނާކޮށް އެނޫހުން މިއަދު ޝާއިއުކުރި ޚަބަރެއްގައެވެ. އެ ޚަބަރުގައި އަހުމަދު މުޙައްމަދާ ހަވާލާދީ ބުނެފައި ވަނީ ދެގައުމުގެ ގުޅުން ގޯސް ނުވާ ކަމަށެވެ. އަދި އެކަމުގެ ހެއްކަކީ ޔަމަނުގައި ތިބި ދިވެހި ދެ ކިޔަވާ ކުދިން އެތަނުން ސަލާމަތް ކޮށްދިނުމަށް ރާއްޖޭން އެދުމުން ވަރަށް އަވަހަށް އެކަން ކޮށްދިނުން ކަމަށް އޭނާއާ ހަވާލާދީ ނޫހުގައި ވެއެވެ.

ޔަމަނުގައި ތިބި ދެކިޔަވާ ކުދިން އިންޑިއާގެ އެހީގައި ސަލާމަތް ކުރިކަން ސަރުކާރުން ކުރިން ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ދެކުދިން ސަލާމަތް ކުރީ ޔަމަނުގައި ތިބި އިންޑިއާގެ ރައްޔިތުން ސަލާމަތް ކުރުމަށް މިދިޔަ އާދީއްތަ ދުވަހު އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ސްރީލަންކާއަށާއި މޮރިޝަސް އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް ވެސް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ކުރިން ބުންޏެވެ. އަދި އެ ދަތުރުފުޅު ކެންސަލްކުރައްވާފައިވާ ކަމަށް ވެސް ފަހުން ބުނީ އިންޑިއާގެ ނޫސްތަކުންނެވެ.