05 Apr 2015, 08:57
ބައެއް ރޭރޭ އިޝާ ނަމާދަށް މިސްކިތައް އެރެނީ އިރާކޮޅު ފަހަނައަޅާދާ ފަހުންނެވެ. ދަންވުމުގެ ކުރިންނެވެ. ހަމަހިމޭން އެ ވަގުތު އޭނާ މިސްކިތައް ދަނީ އީމާންތެރި ހިތަކާއެކު ނަމާދުކޮށްލުމުގެ ބޭނުމުގަ އެވެ. މޫރިތި ގުރުއާން ރީތި ރާގަށް ކިޔަވާލުމުގެ ބޭނުމުގަ އެވެ. ދީނުގެ ފަރުޟެއް އަދާ ކުރުމުގެ ނިޔަތުގަ އެވެ. ނަމަވެސް ކަންވަނީ އެހެނެއް ނޫނެވެ. އޭނާގެ އަޅުކަމަށް ހުރަސް އަޅަނީ ގަދަ ގުގުރީގެ އަޑެވެ.
"އަހަންނަށް ވަރަށް އުނދަގޫވޭ ނަމާދު ކުރަން، ގަދަޔަށް ގުގުރީގެ އަޑު އިވެނީ، ނަމާދަށް ދޭން ބޭނުންވާ ސަމާލުކަން ގެއްލޭ. މިސްކިތުގެ އެކި ދިމަދިމާލަށް މީހުން ފުނިޖެހިފައި ނިދާފައި އެ ތިބެނީ. އެ މީހުން ނިދަމުން މުޅި މިސްކިތް ނިއްވާލާފައި އޮންނަނީ، ދެން ނުކެރޭ ބޮކި ޖައްސާކަށް ވެސް، ގިނައިން ތިބެނީ ބިދޭސީން، އެކަމަކު މަދު ނޫން ވަރަށް ދިވެހިންވެސް ތިބޭ، މިއީ މިސްކިތުގެ ހާލަތު،" އިރާކޮޅު ފަހަނައަޅާދާފަހުން ފުރުގާން މިސްކިތަށް ނަމާދަށް ދިޔަ މީހަކު ބުންޏެވެ.
ސަންގެ ނޫސްވެރިން މިސްކިތްތަކަށް އަރައި ދަންވަރު ބެލިބެލުމުން މިސްކިތްތައް އެއީ ނިދާ ކޮޓަރިތަކަކަށް ހަދާފައިވާ މަންޒަރު ގިނައިން ވަނީ ފެނިފަ އެވެ. ނިދަންވުމުން ފަނޑު އައްޔެއް އެކަނި ބަހައްޓައި މުޅި މިސްކިތް އޮންނަނީ ނިއްވާާފަ އެވެ. ނިދާބޮކި ދިއްލާފައިވާ ކޮޓަރިއެއް ފަދަ އެވެ. ގުގުރި ދަމާ މީހުން ގުގުރި ދަމަނީ އެވެ. ފުރޮޅޭ މީހުން ފުރޮޅެނީ އެވެ. ފާރެއް ކުޑަދޮރެއް ބެލުމެއް ނެތެވެ. އަތާއި ފަޔާއި އޮންނަނީ އެތަންތަނުގެ މައްޗަށް ދަމާލާފަ އެވެ. މިކަމުގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެއެވެ.
"ބަރާބަރު ނިދާފަ ހުންނަނީ، ބައެއް މީހުން މިސްކިތް ހަޑި ވެސް ކުރަނީ، ޕާޓޭ ވެސް އަންނަނީ ނިދަން،" ފުރުގާން މިސްކިތް ފޮޅާ ސާފު ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މީހާ ބުންޏެވެ.
މިސްކިތްތަކުގައި އަޅުކަމުގައި ތިއްބާ ކުޑަކޮށް ނިދި ޖެހިލުން އެއީ މައްސަލައެއް ނޫނެވެ. ނުވަތަ އަޅުކަމަށްފަހު ކުޑަވަގުތުކޮޅަކަށް އަރާމްކޮށްލުން ވެސް އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ކަން ވަނީ އެހެނެއް ނޫންނެވެ. މި ބިންމަތީގައިވާ މާތް ﷲގެ ގެކޮޅަށް ކަމާ ކަންފަށާ ނިދަން އެއްބަޔަކު ދަނީ އެވެ. ކުލީ ކޮޓަރިއެއްފަދަ އެވެ. ނިދަންދާ ބައެއް ފަރާތްތަކުން ފަތިސް ނަމާދަށް ބަންގި ގޮވައި ނަމާދުކޮށް ނިމޭއިރު ވެސް ނިދަން ތިބޭކަމަށްވެ އެވެ. ނުވަތަ އެ ވަގުތުތަކުގައި މިސްކިތުން ފައިބައިގެން ދާ ކަމަށް ވެ އެވެ. އެހެންކަމުން މިއާދަޔަށް ހައްލެއް އެބަ ބޭނުންވެ އެވެ.
މިސްކިތުގައި މީހަކު ނިދާފައި-- ސަން ފޮޓޯ: އަލީ ނަސީރު
ދީނީ އިލްމުވެރިޔާ ހަސަން މޫސާ ފިކުރީ ވިދާޅުވާ ގޮތުގައި މިސްކިތްތަކުގައި ނިދުމަކީ ހުއްދަކަމެއް ކަމަށާއި ނަމަވެސް ހުރުމަތް ކެނޑުމަކީ ހުއްދަކަމެއް ނޫނެވެ. މިސްކިތްތަކުގައި ކިޔަވަން ތިބޭއިރު ކުޑަކޮށް ނިދާލުމާއި ހިލާފަށް ބައެއް ފަރާތްތަކުން މިސްކިތްތަކުގައި ވަޒަންވެރިވެގެން އުޅޭ ކަމަށާއި އެފަދަ ފަރާތްތަކުގެ ސަބަބުން މިސްކިތްތައް ހަޑިވާ ކަމަށާއި އެއީ ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށް ފިކުރީ ވިދާޅުވި އެވެ. މިސްކިތުގައި ނިދިޔަސް ގޭގޭގައި ނިދާ އުސޫލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމާއި މިސްކިތް ހަޑިވާނަމަ އެއީ ހުއްދަ ކަމެއް ނޫން ކަމަށް ފިކުރީ ވިދާޅުވި އެވެ.
"މިސްކިތު ފާރަށް ފާއިނަގައިގެން ތިބުމާއި ތިމާގެ އައުރަ ކަޝްފުވުން، ތިމާގެ އަނގައިން ކުޅު ފޭބުން، މިސްކިތުގެ އަދަބާއި އިހުތުރާމް ގެއްލޭ ގޮތަށް އެތަން ބޭނުން ކުރުން ހުއްދައެއް ނޫން،" ފިކުރީ ވިދާޅުވިއެވެ.
މި މާލެއަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުޑަ ބިމެވެ. އެންމެ ކުޑަތަނެއްގައި އެންމެ ގިނަ ބަޔަކު ދިރިއުޅެން މަޖުބޫރު ކުރެވިފައިވާ ރަށެވެ. މިސްކިތްތަކަށް ނިދަން އަރަން ޖެހޭ ސަބަބަކަށް ވަނީ ރައްޔިތުންނަށް އެކަން މަޖުބޫރުކުރުވުމެވެ. ކޮޓަރިތައް ފުރި ކަނދުތައްހެން އެތުރި ހުނަންޖެހުމުން މިސްކިތައް އަރަން މަޖުބޫރުވަނީ އެވެ. ބިދޭސީއިންނަށް ވެސް އޮތީ އެ މަގެވެ. ފިތިބާރުވެގެން ހަމަ ނިދި ނިދަން ނުލިބުން މިސްކިތްތައް ކޮޓަރިތަކަށް ބަދަލުވަނީ އެވެ. އެކަށީގެންވާ ހައްލެއް މިފަދަ ކަންކަމަށް އަވަހަށް ބޭނުންވެއެވެ.
ޒަމާންތަކެއް ކުރިއަށް ބަލާއިރު މިސްކިތްތަކުގައި ނިދުމަކީ އާންމު ކަމެކެވެ. މަސްވެރިން މަހުން އައިސް އޮޑިން ފެންވަރައިގެން ނިދަންދާ ތަނަކަށް އެ ޒަމާނުގައި މިސްކިތްތައް ހެދުމަކީ އާންމު ކަމެކެވެ. ހަމައެހެންމެ ރަށު ތެރޭ ބުރަ މަސައްކަތުގައި އުޅޭ އެތައް ބަޔަކު މިސްކިތައް ނިދަން އެރުމަކީ އޭރު ވަރަށް އާންމު ކަމެކެވެ. އެކަން އިންތިހާއަށް އާންމުވުން އެއީ ބަލައިގަނެވޭ ކަމަކަށް ނުވުމުން ސަރުކާރުން އެކަން މަނާ ކުރި އެވެ. މިހާރު ވެސް ހަމައެކަން އޮތީ އެހެނެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކަޓަރީ މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި ދިވެހި ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ނިދުމަކީ މަނާ ކަމެއް ކަމަށެވެ. ނަމާދަށް ގޮސް އިންދާ "ތާއްޔާ" ޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ކަމާ ކަންފަށައި ނިދުމަކީ މަނާ ކަމެއް ކަމަށް ދީދީ ވިދާޅުވި އެވެ.
"ކަނޑައެޅިގެން މިސްކިތު ފާހާނައިން ފެންވަރައިގެން ނިދައިގެން އުޅުމަކީ މަނާ ކަމެއް،" ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ މިސްކިތްތަކުގައި ނިދުން މަނާކޮށްފައި ވަނީ ރާއްޖެއަކީ މީހުން ދިރިއުޅޭ ގެތައް މިސްކިތްތަކުގެ ކައިރީގައި ހުންނަ ގައުމަކަށް ވުމާއި މިސްކިތްތަކުގައި މީހުންނަށް ނިދުމަކީ މަޖުބޫރުވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
މިސްކިތްތަކުގެ ހާލަތައް ބަލާއިރު އެހެން ކަންކަން ވެސް ފާހަގަކޮށްލާނަމެވެ. މިސްކިތްތަކަށް "ހަކުރު ބޯން" އަރާ "ޕާޓޭން" ގެ އަދަދު ހަމަ އިތުރުވަނީ އެވެ. މިސްކިތްތައް އެއީ މަސްތުވާތަކެތި ފޮރުވުމަށާއި އެތަކެތި ބޭނުންކުރާ ހަބަކަށް ހަދައިފި އެވެ. މިސްކިތްތަކުގެ ފާހާނާތަކަކީ ޕޭ ޓޮއިލެޓްތަކަށް ހަދައިފި އެވެ. މިސްކިތްތަކުން ވައްކަންކުރުން މެކުހަށް ޖަހައިފި އެވެ.
ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމަށް ފަހުރުވެރިކަމާއެކު ވަކާލާތު ކުރާއިރު ފުރަތަމަ ކަމަކަށް އެފަދަ މައްސަލަތައް ހައްލުކުރަން އިންތިހާއަށް މަސައްކަތް ކުރަން އެބަޖެހެ އެވެ. ހަމައެކަނި މަނާ ކޮށްގެން ތިބެގެން މިކަން ވާންނެތްކަން މިއަދުގެ ހާލަތުންވެސް ގަބޫލްކުރަންޖެހެ އެވެ. މިސްކިތްތަކަށް މިހާރަށްވުރެ ބޮޑަށް އަޅާލައި މިސްކިތްތައް ނަހަމަ ގޮތުގައި ބޭނުންކުރިޔަ ނުދޭން އެކަށީގެންވާ އުސޫލްތަކެއް ކަނޑައަޅަންޖެހެ އެވެ. އެކަން ވާނީ ބޮޑެތި މިސްކިތްތައް ބެލެހެއްޓުން ބިދޭސީ މީހެއްްގެ މަސްއޫލިއްޔަތަކަށް ހަދާފައިވާ އުސޫލަށް ބަދަލު ގެނެސްގެނެވެ.