މިއަހަރު ފުޓުބޯޅަ ސީޒަން ފަށާއިރު ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ކުޅުންތެރީންގެ އަޚްލާގު ރަނގަޅުކުރަން ޖެހޭ ކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ކޯޗު އާމިރު އަލަގިޗް ބުނެފިއެވެ.

މާދަމާރޭ ސީޒަން ހުޅުވުމަށް މާޒިޔާއާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުޅޭ މައިލޯ ޗެރިޓީ ޝީލްޑް މެޗުގެ ޕްރީ މެޗް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަލަގިޗް ބުނީ ރާއްޖޭގައި ފުޓުބޯޅަ ކުޅުމުގައި އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތް ކަމަށާއި ކުޅުންތެރިން ކުޅުމަށް "ކޮމިޓްމެންޓު" ދޭވަރު ބޮޑުކުރަން ޖެހޭކަމަށާއި "ޑިސިޕްލިން" ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ފުޓުބޯޅަ ވަރަށް 'އަންޕްރޮފެޝަނަލް'. ގިނަ ފަހަރަށް ކުޅުންތެރިން ވަޒީފާ އަދާކުރާ ތަންތަނުން އެމީހުން ޕްރެކްޓިސްއަށް އައުމަށްވެސް ނުފޮނުވާ. އެހެން ކަމުން ރާއްޖޭގެ ފުޓުބޯޅައަށް ބަދަލުތަކެއް ގެންނަން ޖެހޭ. މީގެ އިތުރުން ކުޅުންތެރިންގެ ޑިސިޕްލިން ރަނގަޅު ކުރަން ޖެހޭ،" އޭނާ ބުންޏެވެ.

އަލަގިޗް ބުނީ، ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި، އެހެން ކުޅުންތެރިންގެ ކިބައިގައި ނުހުންނަ ފަދަ ގޯސް ސިފައެއް ހުރި ކަމަށެވެ. އެގޮތުން ސިނގިރޭޓު ބުއިމަކީ ގޯސް އަމަލަކަށް ވާއިރު ދިވެހި ގިނަ ކުޅުންތެރިން އެ ވިޔާނުދާ އަމަލު ކުރަމުންދާކަން އޭނާ ފާހަގަކުރި އެވެ.

އެންމެން ވެސް ބޭނުންވާނީ، މޮޅުވާން ކަމަށާއި އެހެން ނަމަވެސް އޭނާ އަދި ނަތީޖާއަށް ބަލަން ބޭނުން ނޫކަމަށާއި ބަލަން ބޭނުންވަނީ ނިއުގެ މިހާރު ރަނގަޅުކުރުން އޮތީ ކޮންކޮން ކަންތައްތަކެއްކަން ދެނެގަތުން ކަމަށް އަލްގިޗް ބުންޏެވެ.