07 Apr 2015, 10:06
ކުއާލަލަންޕޫރު (އެޕްރީލް 7): މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ޓެރަރިސްޓް ޙަމަލާތަކެއް ދިނުމަށް ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވިގެން 17 މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން މެލޭޝިޔާގެ ދާޚިލީ ވަޒީރު ޒާހިދު ޙަމީދީ ވިދާޅުވީ މި 17 މީހުން މަސައްކަތްކުރަމުން ގެންދިޔައީ ހަތިޔާރު ހޯދުމަށްޓަކައި ފުލުހުންގެ މަރުކަޒުތަކަށް ޙަމަލާދީ އެތަންތަން ހިފުމަށް ކަމަށާއި އެ މީހުން ހައްޔަރުކުރީ ފުލުހުން އެ މީހުންގެ ޙަރަކާތްތަކަށް ފާރަލުމަށްފަހު ގަ އެވެ. ހައްޔަރުކުރި 17 މީހުންގެ ތެރޭގައި 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ހިމެނޭކަމަށާ މީގެތެރެއިން ގިނައީ 30 އަހަރުން ދަށުގެ ޒުވާނުންކަމަށް ޙަމީދީ ވިދާޅުވިއެވެ.
މެލޭޝިޔާގެ ފުލުހުންބުނިގޮތުގައި ހައްޔަރުކުރި 17 މީހުންގެ ތެރެއިން ދެމީހުންނަކީ ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ބައިވެރިވުމަށްފަހު ގައުމަށް އެނބުރި އައިސްގެންއުޅޭ މެލޭޝިޔާގެ ދެމީހުންނެވެ. އަދި ގޮވާތަކެއްޗާއި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތައްވެސް ހައްޔަރުކުރެވުނު މީހުންގެ ގެ ތެރެއިން ބައެއްމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޖިހާދުގެ ނަމުގައި ސީރިޔާއަށް ގޮސް އެގައުމުގައި ހިނގަނމުންދާ ދާޚިލީ ހަނގުރާމައިގާ ބައިވެރިވާ ހައްދުފަހަނަޅާފައިވާ މީހުން މެލޭޝިޔާގައިވެސް އުޅެއެވެ. މީގެތެރޭގައި ގިނައީ ކުށްތަކަށް އަރައިގެންފައިވާ ޒުވާނުންނާއި ހަރުކަށި ވިސްނުމާއި އެކިބާވަތުގެ އައިޑިއޮލޮޖީތަކުގެ ޝިކާރައަކަށްވެފައިވާ ޒުވާނުންކަމަށް މެލޭޝިޔާގެ މީޑިޔާ ބުނެއެވެ. އަދި ޖިހާދުގެ ނަމުގައި މުސްލިމުން މުސްލިމުންނާ ހަނގުރާމަ ކުރުމަށްޓަކައި ސީރިޔާއަށް ދާ މެލޭޝިޔާ މީހުންނަކީ ވަޒިފާގެ ފުރްސަތުތައް ނުލިބި މުޖްތަމައުގައި ބާކީވެ އިޖްތިމާޢީ ގޮތުން ދެރަވަރުގެ ހާލަތުގައި އުޅެންޖެހިފައިވާ ޒުވާނުންނާއި މެދުއުމުރުގެ މީހުން ކަމަށްވެސް އެގައުމުން ބުނެއެވެ. (ރޮއިޓާސް)