07 Apr 2015, 11:29
މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފެށިގެން ކުރިއަށް ދިޔައިރު އިދިކޮޅު އެމްޑީޕީން މަޖިލީހުގައި ކުރަމުން ދިޔަ އިހުތިޖާޖުތައް މިއަދު ހުއްޓާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބުނެފި އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ނެރުނު މެސެޖެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެކަން ބަޔާންކޮށް މަޖިލީހުގެ ރައީސަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސޮއިކޮށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބަކަށް އިންތިޒާރުކޮށް އަދި މަޖިލީހުގެ ރައީސްއާ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
"މަޝްވަރާ އަށް ޖާގަ ދިނުމުގެ ގޮތުން މަޖިލިސްގާ ކުރަމުންދާ އިހުތިޖާޖު މިއަދު މަޑުޖައްސާލަން އެމްޑީޕީގެ ޕީޖީ އިން ވަނީ ނިންމައިފި." އެމްޑީޕީގެ ޕީޖީ ގުރޫޕުން މީޑީއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަޑައިނުގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ ވަރަށް އަމާން ކަމާ އެކީގައި އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މިއަހަރަށް މަޖިލިސް ހުޅުވުނު ދުވަހުން ފެށިގެން ޖަލްސާ އޮއްނަ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުން ކުރީގެ ރައީސް ނަޝީދު ދޫކޮށްލަންދެން އެބޭފުޅުން އިހުތިޖާޖު ކުރާނެ އެވެ.