ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި ރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން ރާއްޖެ އަށް 500 މިލިޔަން ޔެން (ގާތްގަނޑަކަށް 64 މިލިޔަން ރުފިޔާ) ހަދިޔާކޮށްފި އެވެ.

ޖަޕާނުން ރާއްޖެ އަށް މި ދިން އެހީ އަކީ ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް މިދިޔަ އަހަރު ރާއްޖެ އަށް ޖަޕާނުން ގަތް ބައެއް ތަކެތީގެ އަގަށްވާ ފައިސާ އެވެ.

ޖަޕާނުން ދިން އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެކަމަށް ޓަކައި ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނުބުހީޓޯ ހޯބޯ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯބީ ވިދާޅުވީ ޖަޕާނުން މި އެހީ ދިނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ.

"... މި އެހީއަކީ ކާރިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެއް،" އޭނާ ވިދާޅުވި އެވެ.

ކާރިސާތަކުން އަރައިގަތުމުގެ ދާއިރާ އިން ރާއްޖެ އަށް އެހީތެރިވުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހޯބޯ ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ކުރަމުންދާ ކަމަށެވެ. އެކަމުގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ވެސް ކުރާ ކަން އޭނާ ފާހަ ކުރެއްވި އެވެ.

ތަރައްގީއަށް ޓަކައި ރާއްޖެ އިން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގައި ޖަޕާން އަބަދުވެސް އޮތީ އެންމެ ކުރީ ސަފުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...ތަރައްގީ އަށް ދިވެހިން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގައި ޖަޕާން އަބަދުވެސް އޮތީ އެންމެ ކުރީ ސަފުގައި، ތަފާތު ގިނަ ގޮތް ގޮތުން،" އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ޖަޕާނާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 48 އަހަރު ފުރޭ އިރު ދެގައުމުގެ ދެމެދުގައި އޮތީ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އެގައުމުން ރާއްޖެ އަށް ވެދެމުން އަންނަ އެހީތަކަށް ޓަކައި މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.