07 Apr 2015, 14:23
ދައުލަތުގެ މީޑިއާ މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި އާ ކުންފުންޏެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބަލައިގެންފި އެވެ.
"ޕަބްލިކް ސާވިސް މީޑިއާ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވި ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ 43 މެމްބަރުންގެ ވޯޓުންނެވެ. މި ބިލާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ވަނީ މެމްބަރުން ބަހުސް ކުރައްވާފަ އެވެ.
އެ ބިލް ގާނޫނަށް ވުމުމާއެކު މިހާރު އަމަލު ކުރަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ގާނޫނު އުވޭނެ ކަމަށާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.
"ޕަބްލިކް ސާވިސް މީޑިއާ" ގެ ބިލް ގާނޫނަކަށް ވުމާ އެކު މިހާރު އަމަލު ކުރަމުން ގެންދާ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެ ގާނޫނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކާ ތައާރަޒުވާ އުސޫލެއް ނުވަތަ މާއްދާއެއް ހިމެނޭ ކަމުގައިވާނަމަ، އެ ގަވާއިދެއް ނުވަތަ އުސޫލެއް އެ ގާނޫނާ ތައާރަޒުވާ މިންވަރަކަށް އަދި އެ ގާނޫނުގެ ބޭނުމަށްްޓަކައި ބާތިލް ވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިންގް ބޯޑު އެކުލަވާލައި، ބޯޑުގެ އިސް މަގާމުތަކަށާއި، ޕަބްލިކް ސާވިސް ހިންގުމުގެ އެންމެ އިސް މަގާމުތަކަށް އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މީހުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ހިންގާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަައްވާ ހަތް މެމްބަރުންގެ ބޯޑަކުންނެވެ. އެ ބޯޑުގައި ހިމެނިވަޑައިގެންނަވާ މެމްބަރުން ހޯދުމަށް އިއުލާން ކުރަން ޖެހޭނީ ރައީސް އޮފީހުންނެވެ. އަދި ބޯޑުގެ މެމްބަރުންގެ މުއްދަތަކީ ހަތް އަހަރެވެ.
އެފަދަ ގާނޫނެއް ހެދުމުގެ ބޭނުމަކީ އިންޓަނެޓްގެ ޒަރިއްޔާއިން އުފެދިގެން އަންނަ ނިއު މީޑީއާގެ އެންމެހާ ވަސީލަތްތަކާ ޕްރިންޓް މީީޑިއާ އާއި އަދި މި ނޫނަސް ހަބަރާއި މައުލޫމާތާ ހޭލުންތެރިކަމާ މުނިފޫހިފިލުވުން ފޯރުކޮށްދޭ އެންމެހައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ދިވެހި ދައުލަތުގެ ބަޖެޓުގެ ޚަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރަދަނާ ގައުމީ މީޑިއާއެއް ބިނާކުރުން ކަމުގައި އެ ބިލްގައި ބުނެފައިވެ އެވެ.