07 Apr 2015, 14:16
ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަންޖެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބަލައިގެންފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން މިއަދު ބަލައިގަތީ މިއަދުގެ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު އިތުރަށް ދިރާސާ ކުރެއްވުމަށް ފޮނުވާފައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
ރިޔާސީ ޕްރައިމަރީތައް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަން ޖެހޭނެ ކަމަށް ބުނާ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، ރިޔާސީ ޕްރައިމަރީތައް ހޮވުމުގައި އެކި ޕާޓީތަކުން ގެންގުޅޭ އުސޫލު ތަފާތެވެ. ވެރިކަންކުރާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަނީ ޕްރައިމަރީންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ލީޑަރަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.