މުއްދަތު ހަމަވެފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ބިޔަރު ތަޅުތަކެއް ކަސްޓަމްސް އިން ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މިއަދު ނައްތާލާފައިވާ ބަނގުރަލުގެ ތެރޭގައި ހިމެނެނީ 479 ފުޅި ބަނގުރަލާއި 485 ބިޔަރު ދަޅު ކަމަށެވެ. އެތަކެތި ނައްތާލާފައި ވަނީ އެކި ސަބަބުތަކާހުރެ މުދަލުގެ ވެރިފަރާތުން ކްލިއާނުކޮށް ހުރެ ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހަލާކުވެފައި ވާތީ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން މިއަދު ނައްތާލާފައިވާ ބަނގުރަލަކީ ކަނޑުގެ މަގުން ރާއްޖެއަށް އެތެރެކޮށްފައިވާ ތަކެއްޗެވެ.

އެތަކެތި ނައްތާލާފައި ވަނީ ތިލަފުށި ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ތިލަފުށީ ކުނިކޮށި ސަރަޙައްދުގައި އެމުދަލުގެ ވެރިފަރާތުގެ އިތުރުން ކަސްޓަމްސްގެ އޮފިސަރުންނާއި އެމް.ޕީ.އެލްގެ އޮފިޝަލުންނާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި އެމް.އެން.ޑީ.އެފްގެ އޮފިޝަލުންނާއި މީޑިއާގެ ހާޒިރުގަ އެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ތަކެތީގެ ތެރެއިން، އެތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންނުވާ ތަކެތި ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ކަނޑައަޅާ ތަކެތި، ކަސްޓަމްސް އިން ނައްތާލެވޭނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.