އާ ގާނޫނުލް އުގޫބާތަށް އަންނަ ހޯމަ ދުވަހު އަމަލު ކުރަން ފެށުމުގެ ކުރިން، އެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން އަމާޒު ހިފައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ ގާނޫނުލް އުގޫބާތައް ހުށަހެޅި އިސްލާހުތައް ދިރާސާ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އެ ބިލުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިންމާލެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހު ބާއްވަން "ގަސްތު" ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަބަބަކީ އަންނަ ހޯމަ ދުވަހު އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށުން މިއޮތީ. އެހެންވީމަ އޭގެ ކުރިއަށް އެކަން ވޭތޯ ބަލަން ކިރިޔާވެސް އެކަން އެހެން ވެއްޖިއްޔާ. އެހެންނަމަވެސް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު އަޅުގަނޑު އެކަން އެގޮތަށް ކުރާނީ. އަދި މިސާލަކަށް އަޅުގަނޑުމެން ހޯމަ ދުވަހު ބާއްވަން ޖެހުނު ކަމުގައި ވިއަސް އޭގެ މާބޮޑު ތާއްޓެއް ނުވެ ހިނގައިދާނެ،" މަސީހް ވިދާޅުވި އެވެ.

އާ ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމްއާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ.

އަނާރާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިސްލާމީ ޝަަރީއަތުގައި ކަނޑައަޅާފައިވާ ޤިޞާޞް ހިފުން ގާނޫނުލްއުގޫބާތުގައި ހިމެނުމަށެވެ.

ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާ އަށް ޤިޞާޞް ހިފުން އިތުރުކުރުމަށް އަނާރާ ހުށަހަޅުއްވާފައިވާ އިރު، އެ މާއްދާގައި މިހާރު ބުނެފައި ވަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ޤާނޫނާއި ޤުރުއާނުގައި ކަނޑައެޅުފައިވާ އުޤޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.

އާ ގާނޫނުލް އުގޫބާތައް ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ ވަނީ 60 ވުރެއް ގިނަ އިސްލާހު ހުށަހަޅާފައި އެވެ. ރިޒާ ހުށަހަޅުއްވާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކަށް އުނިކަން އަންނަ އަމަލުތަކަށް އެކަށީގެންވާ އަދަބު ކަނޑައަޅައިގެން އެ އާންމު ހަމަތައް ދެމެހެއްޓުން ހިމެނެ އެވެ.