ޕެސިފިކް ކަނޑުގެ ސަރަހައްދަކުން ދަތުރު ކުރި ބޯޓަކުން 5.2 ޓަނުގެ ކޮކެއިން އަތުލައިގަނެފި އެވެ.

ކޮލަމްބިއާގެ ކަނޑުގެ ސިފައިނާއި އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަންގެ އޮފިސަރުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޮކެއިން އަތުލައިގަނެފައި ވަނީ ޕަނާމާގެ ކޮލޯން ބަނދަރުން ފުރައިގެން ގުއެންޓަމާލާއަށް ދަތުރުކުރަމުންދިޔަ ބޯޓަކުންނެވެ.

ކޮލަމްބިއާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އޮޕަރޭޝަންގައި ކޮކެއިން ފެނުނު ބޯޓުގައި މަސައްކަތް ކުރާ 14 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ ތެރޭގައި ކޮލަންބިއާގެ އަށް މީހަކު ހިމެނޭއިރު، ބާކީ ތިބި ހަ މީހެއްގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮލަމްބިއާގެ ކަނޑުގެ ސިފައިން ލަފާކުރާ ގޮތުން، އަތުލައިގަތް ކޮކެއިންގެ އަގު ދުނިޔޭގެ ކަޅު ބާޒާރުގައި 142 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ އެވެ.

މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކޮލަންބިއާގެ ޕެސިފިކް ކަނޑުގެ ސަރަހައްދުން އަތުލައިގެނެވުނު އެންމެ ބޮޑު އަދަދެއްގެ ކޮކެއިން ކަމަށް ކޮލަމްބިއާގެ ކަނޑުގެ ސިފައިން މައުލޫމާތުދެ އެވެ.

މިއަހަރުގެ މިހާތަނަށް ކޮލަމްބިއާގެ ކަނޑުގެ ސިފައިން ވަނީ 22.8 ޓަނުގެ ކޮކެއިން އަތުލައިގަނެފަ އެވެ.