އާ ގާނޫނުލްއުގޫބާތަށް އަމަލުކުރުން ފަސްކުރުމަކީ އިސްލާމް ދީނަށް ލިބޭނެ ބޮޑު ނިކަމެތި ކަމެއް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އެޕްރީމް 13 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި އާ ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ނަމަވެސް ސަރުކާރުން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރާ ކޮމެޓީން މިއަދު ނިންމާފައި ވަނީ އެ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު ތިން މަސް ދުވަހަށް ފަސް ކުރުމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ލީގަލް ސެކްޓާ ރިސޯސް ސެންޓަރު (އެލްއެސްއާރްސީ) ލީގަލް ކޮންސަލްޓަންޓުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ޝަމީމު "ސަން"އަށް ވިދާޅުވީ ގާނޫނުލް އުގޫބާތަށް ރައްޔިތުން އަހުލުވެރިކުރުވުމަށް އިތުރު ވަގުތު ބޭނުން ނުވާ ކަމަށާއި ރައްޔިތުން ތިބީ އެ ގާނޫނަށް ތައްޔާރުވެފައި ކަމަށެވެ.

އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަދަބު ކަނޑައެޅިފައިވާ ގާނޫނަކަށް އަމަލުކުރުން ފަސް ކުރުމަކީ "އިސްލާމް ދީނަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތި ކަމެއް" ކަމަށް ޝަމީމު ވިދާޅުވި އެވެ.

އެ ގާނޫނަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް 1000 އަށް ވުރެ ގިނަ ޕްރޮގްރާމު ހިންގާފައިވާނެ ކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ ފުލުހުންނާއި، ޕީޖީ އަދި އޭޖީ ގެ އިތުރުން ރައްޔިތުންވެސް ތިބީ އެ ގާނޫނަށް އަމަލު ކުރަން ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އަދި ކޮމިޓީން އެހެން ނިންމި ނަމަވެސް މަޖިލީހުގެ ތަޅުމުން އެހެން ނުނިންމާނެ ކަމަށް، އެއީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އީމެއިލް ބައްލަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ތައްޔާރު ކަން، އަޅުގަނޑުމެން ހަމަ ތައްޔާރު،" ޝަމީމު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ ފޯނު އެޕްލިކޭޝަނާއި، ވެބްސައިޓް މާދަމާ ލޯންޗު ކުރުމުން ރައްޔިތުންނަށް ގާނޫނުލް އުގޫބާތު ކުރިއަށްވުރެ ވެސް ބޮޑަށް އެނގިގެން ދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ފަސްކުރުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު ހުށަހެޅުމުން ކޮމެޓީން ވަނީ އެ އިސްލާހު ތަޅުމަށް ހުށަހެޅުމަށް ފާސްކޮށްފަ އެވެ. އެ އިސްލާޙުގައި ބުނެފައި ވަނީ ގާނޫނުލްއުގޫބާތަށް ރައްޔިތުން އަހުލުވެރިވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.