ރޮއިޓާސް - ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ގުޑުގުޑާ ދޫންޏެއް (ފުލެމިންގޯ) އެއް ސައިޕްރަސް އިން ފެނިއްޖެ އެވެ.

ސައިޕްރަސްއިން ފެނުނު ފުލެމިންގޯއަކީ އެފަދަ ދޫނީގެ ގައިގައި ހުންނަ ފިޔާތޮށި ކުލައިގެ ބަދަލުގައި ކަޅު ކުލަ ހުރި އެ ދޫންޏެކެވެ. ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ބުނާ ގޮތުން އެފަދަ ދޫންޏެއް ދުނިޔޭގެ ގައުމަކުން ފެނުނު މިއީ ދެ ވަނަ ފަހަރެވެ.

ބައެއް ޖަނަވާރުގެ ހަމުގެ ކުލަ އެއްކޮށް ކަޅުކުލައަށް ނުވަތަ ކޮންމެ ވެސް އެއްބައި ކަޅު ކުލައަށް ބަދަލުކޮށްލާ ޖެނެޓިކް ހާލަތެއް ކަމަށްވާ، 'މެލެނިޒަމް' ވައްތަރުގެ އެ ފުލެމިންގޯ ފެނިފައި ވަނީ ސައިޕްރަސްގެ ދެކުނުގައި އޮންނަ އެކްރޯޓިރީގެ ކޯރެއްގައި އެހެން ފުލެމިންގޯ ދޫނިތަކާއެކު ކާނާ ހޯދުމުގައި އުޅެނިކޮށެވެ.

ސައިޕްރަސް އިން ފެނުނު ކަޅު ގުޑުގުޑާ ދޫނި ---- ފޮޓޯ/ އޭޕީ

"ހެނދުނު ގަޑީގައި ފިލްޑްސްކޯޕް އަޅައިގެން ކޯރު ތެރޭގައި އުޅޭ ފުލެމިންގޯތައް ގުނަން އުޅެނިކޮށް އަހަރެމެންނަށް ލިބުނީ ބޮޑު ހައިރާންކަމެއް. އަހަރެމެންނަށް ފެނުނީ ކަޅު ފުލެމިންގޯއެއް،" އިނގިރޭސިންގެ ބާރުގެ ދަށުގައި އޮންނަ ސައިޕްރަސްގެ ސަރަހައްދުގެ ތިމާވެއްޓާ ބެހޭ ޑިޕާޓްމަންޓުގެ އިސްވެރިޔާ ޕެންޓެލިސް ކެރިލާ ވިދާޅުވި އެވެ.

ކެރިލާ ވިދާޅުވިގޮތުގައި 2014 ވަނަ އަހަރު އިސްރާއީލުން ވެސް ކަޅު ފުލެމިންގޯއެއް ފެނިފައިވެ އެވެ. އަދި މިއީ އޭގެ ދެވަނަ ދޫންޏަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުން އެ ފުލެމިންގޯ އަކީ އިސްރާއީލުން ފެނުނު ދޫންޏަށް ވުން އެކަށީގެންވެ އެވެ.

ސައިޕްރަސްގެ ބާޑްލައިފް ކޮންސަވޭޝަން ގްރޫޕުގެ އޮފިޝަލެއް ކަމަށްވާ މާޓިން ހެލިކާ ބުނީ، ކަޅު ފުލެމިންގާ ދޫންޏެއް އެ ގައުމުން ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

ކޮންމެ އަހަރަކު ވެސް އެކްރޯޓިރީގެ ކޯރަށް ގާތްގަނޑަކަށް 20،000 ފުލެމިންގޯ އާދެ އެވެ.