11 Apr 2015, 10:31
ނިއުދިއްލީ (އެޕްރީލް 11): 2008 ވަނަ އަހަރު އިންޑިޔާގެ މުމްބާއީއަށް ދިން ޓެރަރިސްޓް ޙަމަލާތައް ރާވައި ހިންގި ކަމަށް އިންޑިޔާއިން ތުހުމަތުކުރާ އިސް މޭސްތިރި ޒަކިއްޔުއްރަހްމާން ލުޚްފީ ޕާކިސްތާނުން މިނިވަން ކުރުމުން އިންޑިއާ ރުޅިގަދަވެ އެކަމާ ދެކޮޅަށް އިޙްތިޖާޖްކޮށްފިއެވެ.
އިންޑިޔާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި މިމައްސަލާގައި ޕާކިސްތާނަށް އިޙްތިޖާޖް ކުރުމަށްޓަކައި ނިއުދިއްލީގައި ހުންނަވާ ޕާކިސްތާނުގެ ހައިކޮމިޝަނަރު އިންޑިޔާގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިޙްތިޖާޖްގެ ސިޓީއެއް އޭނާއާ ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން އިސްލާމް އާބާދުގައި ހުންނަވާ އިންޑިޔާގެ ސަފީރުވެސް ވަނީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ސަރްތާރު އަޒީޒް އާ ބައްދަލުކުރައްވައި މިކަމުގައި އިންޑިޔާ ކަންބޮޑުވާ މިންވަރު ހާމަކޮށް ދެއްވާފައެވެ.
މުމްބާއީއަށް ދިން ޓެރަރިސްޓް ޙަމަލާތަކާގުޅިގެން ދިގުމުއްދަތަކަށް ޖަލަށްލާފައިވާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޒަކިއްޔުއްރަހްމާން ލުޚްފީ މިނިވަންކުރީ ޕާކިސްތާނުގެ ހައިކޯޓުގެ އަމުރަކަށެވެ. ޕާކިސްތާނުގެ ހައިކޯޓުންވަނީ ލުޚްފީ ޖަލަށްލާފައިވާނީ ބާތިލް އަމުރެއްގެ ދަށުން ކަމަށް ނިންމައި އޭނާ މިނިވަން ކުރުމަށް ޕާކިސްތާނު ސަރުކާރުގެ މައްޗަށް އަމުރުކޮށްފައެވެ.
އިންޑިޔާ ކިތަންމެ ދެކޮޅު ހެދިނަމަވެސް މިހުކުމާ ޚިލާފަށް ލުޚްފީ ޖަލުގައި ނުބެހެއްޓޭނެ ކަމަށް ޕާކިސްތާނުން ބުނެއެވެ. އަދިި ޕާކިސްތާނުގެ ނޫސްތަކުންވަނީ ކޯޓުތަކުގެ ހުކުމަށާއި ގާނޫނީ އަމުރުތަކަށް އިހްތިރާމް ކުރުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ.
އިންޑިއާގެ މުމްބާއީއަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ޙަމަލާތަކުގައި 166 މީހުން މަރުވެފައިވެއެވެ. މި ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވަނީ ޖަމާއަތު އަސްކަރޭ ތައިބާ ނަމަކަށް ކިޔާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށާއި މިއީ ޕާކިސްތާން ސަރުކާރުގެ މަދަދުލިބޭ ޖަމާއަތެއްކަމަށް އިންޑިޔާއިން ބުނެއެެވެ.
މިހަމަލާތައް ހިންގި 10 މީހުން ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިޔާއަށް ވަގަށް ވަނުމަށްފަހު އެ ޓެރަރިސްޓް އޮޕަރޭޝަން ހިންގި އިރުވެސް އިންޑިޔާގެ ޖާސޫސީ އިދާރާތަކަށް ވާނުވާވެސް އެނގިފައި ނުވުމަކީ އިންޑިޔާގެ ޖާސޫސީ ހާލަތު ހުރި ދަށްފެންވަރު ހާމަކޮށްދޭ ކަމެއްކަމަށް ބުނެ އިންޑިޔާގެ އެތެރޭން ކުރިމަތިކުރި ފާޑުކިޔުންތަކާ ގުޅިގެން އިންޑިއާގެ އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރު "ހޫނުފެނަށް" ވެއްޓިގެން ގޮސްފައިވެއެވެ. (ނޫސްއެޖެންސީތައް)