12 Apr 2015, 09:55
ރިޔާޒް (އެޕްރީލް 12): ސައޫދީ ޒުވާނުން އަސްކަރީ ތަމްރީން ހަދައި ވަކިމުއްދަތެއްގައި ސިފައިންގެ ޚިދްމަތުގައި އުޅުން މަޖްބޫރު ކުރުމަށް އެގައުމުގެ މުފްތީ އަބްދުލްއަޒީޒް ބިން އަބްދުﷲ އާލުއްޝައިޚް، ސައޫދީ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރިޔާޟްގެ މެދުތެރޭގައި ހުންނަ ޖާމިއުލްއިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައި މިދިޔަ ހުކުރު ދުވަހު ދެއްވި ޚުތުބާގައި އާލުއްޝައިޚް ވިދާޅުވީ، ސައޫދީ ޒުވާނުން އަސްކަރީ ތަމްރީން ހަދައި ގައުމާއި ދީނުގެ ދިފާޢުގައި ތެދުވެވޭފަދަ ގާބިލްބަޔަކަށް ވާންޖެހިފައިވާ ކަމުގައެވެ.
ދުޝްމަނުންނާ ކުރިމަތިލެވޭނީ ސައޫދީ ޒުވާނުން އަސްކަރީ ގޮތުންނާއި އިލްމީގޮތުންނާއި އަދި ފިކުރީގޮތުން ތައްޔާރުކޮށްގެން ކަމަށާއި ހަމައެކަނި ދުނިޔަވީ އުފާތަކުގައި މަޝްޣޫލުވެ، ކަންނެތްވެ، ޚިޔާލެއް ފިކުރެއްނެތި އުޅޭ ބަޔަކަށް ސައޫދީ ޒުވާނުން ވެގެންނުވާނެ ކަމަށް މުފްތީ ވިދާޅުވިއެވެ.
ސައޫދީ މުފްތީ އައްޝައިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލުއްޝައިޚް އަކީ ސައޫދީ އަރަބިޔާގެ އެންމެ އިސް ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސެވެ. އަދި އަބްދުލްއަޒީޒް ބިން އަބްދުﷲ އާލުއްޝައިޚް އަކީ މީލާދީގޮތުން 1744 ވަނަ އަހަރު ވުޖޫދަށް ގެނައި ސައޫދީ ފުރަތަމަ ދައުލަތް ބިނާކުރެއްވި ދަރްޢިޔާގެ އަމީރު މުޙައްމަދު ބިން ސުއޫދު އާއި ބައިވެރިވެ ވަޑައިގެން އޭނާގެ ވެރިކަމަށް ބައިއަތު ހިއްޕެވި އަރަބި ޖަޒީރާގެ އިސް ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝައިޚް މުޙައްމަދު ބިން އަބްދުލްވައްހާބްގެ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.
މުޙައްމަދު ބިން އަބްދުލްވައްހާބް އަކީ އަރަބި ޖަޒީރާގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށާއި ބިދުޢަތައް ނައްތާލެއްވުމަށް އެދުވަސްވަރު މަސައްކަތް ކުރެއްވި ގިނަ ބައެއްގެ ތާއީދު ލިބިވަޑައިގެން ހުންނެވި މަތީފެންވަރުގެ އިލްމުވެރިއެކެވެ.
ދީނީ ކަންތައްތަކުގައި ސައޫދީ އަރަބިޔާގައި އެންމެ ފަހުބަސްބުނާ ގިނަ އިލްމުވެރިންނަކީ ޝައިޚް މުޙައްމަދު ބިން އަބްދުލްވައްހާބްގެ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ޚުތްބާގައި އާލުއްޝައިޚް ވިދާޅުވީ، މިއީ ގައުމާއި ދީނަށްޓަކައި ސައޫދީ ޒުވާނުން ސިފައިންގެ ޚިދްމަތަށް ވަންނަންޖެހޭ ވަގުތުކަމަށާއި ސައޫދީ ޒުވާނުންނަށް އަސްކަރީ ތަމްރީންދީ، އަސްކަރީ ޚިދްމަތުގައި ޙަޔާތުގެ ބައެއް ހޭދަކުރުން މަޖްބޫރު ކުރުމަކީ ސައޫދީ ސަރުކާރަށް ކުރަންޖެހޭނެ ކަމެއް ކަމުގައެވެ.
މުފްތީ ވިދާޅުވިގޮތުގައި ދުޝްމަނުން ގެންދަނީ ދީނާއި އަޚްލާގު ފަސާދަކޮށް އިގްތިސާދާއި އެއްބައިވަންތަކަން ހަލާކުކުރަމުންނެވެ. އެހެންކަމުން ސައޫދީ އަރަބިޔާގެ މުޅި އުންމަތް ދުޝްމަނުންނާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވިދާޅުވެ މުފްތީ ވަނީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވާފައެވެ.
ސައޫދީ މުފްތީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސައޫދީ ސިފައިން އިސްކޮށް ތިބެގެން ޔަމަންގެ ހޫޘީ ޖަމާއަތާއި އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކާ ދެކޮޅަށް ވައިގެ ޙަމަލާތަކެއް ދެމުން ގެންދާ ދަނޑިވަޅެއްގައެވެ.
"ފާމްނެސް ސްޓޯމް"ގެ ނަމުން ނަންދީފައިވާ މި އޮޕަރޭޝަން ހިންގުމުގައި ސައޫދީ ސިފައިންނަށް ފަންނީ ގޮތުންނާއި ހަތިޔާރުގެ ގޮތުންނާއި ކޮމާންޑްގެ ގޮތުންނާއި ލޮޖިސްޓިކްގެ ގޮތުންނާ އަދި ޖާސޫސީ ގޮތުން އެހީތެރިވަނީ އެމެރިކާ އެވެ.
މި އޮޕަރޭޝަންގެ ބޭނުމަކީ ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ހޫޘީ ޖަމާއަތާއި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް ބަލިކޮށް ޔަމަންގެ ވެރިކަމުން އެއްފަރާތް ކުރެވިފައިވާ އެގައުމުގެ މިހާރުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ވެރިކަން ހޯދައި ދިނުން ކަމަށް ސައޫދީ ސަރުކާރުންވަނީ ހާމަކޮށްފައެވެ. އަދި ހޫޘީންނާއި ސާލިހަށް ތާއީދުކުރާ ފަރާތްތަކުން ހަތިޔާރު ބަހައްޓައި ރައީސް ހާދީއާ ވެރިކަމުގެ ބާރުތައް ޙަވާލުކުރުމަށް އެއްބަސްވަންދެން ވައިގެ ޙަމަލާތައް ކުރިޔަށްގެންދާނެ ކަމަށްވެސް ސައޫދީ ސަރުކާރުން ބުނެއެވެ.
ހޫޘީންނާއި ޔަމަންގެ ކުރީގެ ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވަނީ އީރާންގެ މައްޗަށެވެ. ސައޫދީން ޔަމަނަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކާ ގުޅިގެން އެގައުމުގެ ހަނގުރާމަ އިތުރަށް ވަރުގަދަވެ އެތަށް ސަތޭކަ ބަޔަކު މަރުވެ ރައްޔިތުންގެ ގިނަ ބަޔަކު ޙާލުގައި ޖެހިފައިވާއިރު އދ.ން ވަނީ ހަނގުރާމަ ހުއްޓާލައި ސުލްޙަވެރިކަމާއެކު ޔަމަންގެ މައްސަލަ ޙައްލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ.
ސައޫދީ އަރަބިޔާގެ ދިފާޢުގައި ސައޫދީ ޒުވާނުން އަސްކަރީ ޚިދްމަތަށް ނެރުން މަޖްބޫރު ކުރުމަށް އެގައުމުގެ މުފްތީ ގޮވާލައްވާފައިވާއިރު ގަލްފުގެ އެހެން ގައުމެއްކަމަށްވާ ކުވައިތުގެ ޕާލަމެންޓުންވެސް ވަނީ އެގައުމުގެ ޒުވާނުން އަސްކަރީ ޚިދްމަތަށް ނެރުން މަޖްބޫރުކުރާ ގާނޫނެއް މިދިޔަ ހަފްތާގައި ފާސްކޮށްފައެވެ.
މީގެއިތުރުން ގަލްފުގެ ކުޑަ ގައުމެއް ކަމަށްވާ ގަތަރުންވެސް ވަނީ އެގައުމުގެ ޒުވާނުން ދެ އަހަރުގެ މުއްދަތަށް އަސްކަރީ ޚިދްމަތް ކުރުން ލާޒިމްކުރުމުގެ ޝާހީ އަމުރެއް ނެރުމުން އެއަމުރު ތަންފީޒު ކުރަން ފަށާފައެވެ.
އެމެރިކާގެ އަސްކަރީ ދިރާސާތަކާބެހޭ މުއައްސަސާ އެއްކަމަށްވާ "ގްލޯބަލް ފަޔަރ ޕަވަރ" ބުނާގޮތުން މިސްރާއި އަލްޖަޒާއިރަށްފަހު ތިންވަނައަށް އަރަބި އެންމެ ވަރުގަދަ އަސްކަރީ ބާރަކީ ސައޫދީ އަރަބިޔާއެވެ. ސައޫދީ ސިފައިންގެ އަދަދު ދެލައްކަ ތިރީސް ހާހަށް އަރާއިރު ފަންސަވީސް ހާހުގެ ރިޒާވް ބާރެއްވެސް ސައޫދީ އަރަބިޔާއިން ތަމްރީންކޮށްފައިވެއެވެ. އަދި އެއްލައް ސިފައިންގެ މައްޗަށް އެކުލެވޭ ނެޝަނަލް ގާޑުންގެ ލަޝްކަރެއްވެސް ސައޫދީ އަރަބިޔާގައި އޮވެއެވެ.
ސައޫދީ އަރަބިޔާއަކީ އެމެރިކާގެ ޒަމާނީ ހަތިޔާރު ގިނަ އަދަދަކަށް ހުރި ގައުމެކެވެ. ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު ގަންނަ ތިން ގައުމުގެ ތެރޭގައި ސައޫދީ ހިމެނެއެވެ.
އަރަބި ގައުމުތަކުގެ ތިންވަނަ އަސްކަރީ ބާރަކަށް ސައޫދީ އަރަބިޔާ ވެގެންދިޔައީ އިރާގަށް އެމެރިކާ އަރައިގަތުމާ ގުޅިގެން އިރާގުގެ ސިފައިންގެ ލަޝްކަރުތައް ރޫޅާލުމާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ސިފައިންގެ ލަޝްކަރުތަކުގެ ބޮޑުބައެއް ހަލާކުވެގެން ގޮސްފައިވާތީ ކަމަށް "ގްލޯބަލް ފަޔަރ ޕަވަރ" ގެ ރިޕޯޓް ބުނެއެވެ. (ނޫސްއެޖެންސީތައް)