12 Apr 2015, 17:04
(ފޮކްސް ނިއުސް) - ވިހެއުމަށްފަހު މަރުވި ކަމަށް ހޮސްޕިޓަލުން ބުނި ދަރިފުޅާ މަޔަކު، 49 އަހަރު ފަހުން ފުރަތަމަ ފަހަރަށް ހަމަ ލޮލުން ފެނި، ބައްދަލުވެއްޖެއެވެ.
އެމެރިކާގެ މިޒޯރީ ސްޓޭޓުގައި ދިރިއުޅޭ ޒެލާ ޖެކްޝަން ޕްރައިސް، 76، އަންހެން ކުއްޖަކު ވިހެއީ 25 ނޮވެމްބަރު، 1965 ވަނަ އަހަރު ސެއިންޓް ލުއިސް ގައި ހުންނަ ހޯމް ޖީ. ފިލިޕްސް ހޮސްޕިޓަލަށެވެ. ނަމަވެސް، ވިހެއުމަށްފަހު ދަރިފުޅު މަރުވި ކަމަށް ބުނެ ހޮސްޕިޓަލުން ދިން ހިތާމަވެރި ހަބަރާއެކު ދަރިފުޅު ފެނިލުމުގެ ނަސީބެއް ވެސް ޕްރައިސް އަކަށް ނުލިބުނެވެ.
މަރުވި ކަމަށް ބުނި އޭނާގެ އަންހެން ދަރިފުޅު މެލާނީ ޑިއާނޭ ގިލްމޯ އާއި 49 އަހަރު ފަހުން މިއަދު، ފުރަތަމަ ފަހަރަށް ބައްދަލުވުން ވެގެން ގޮސްފައިވަނީ އެ ދެމައިން އެންމެ ދެކެން ބޭނުންވި އަދި އެންމެ އުފާވެރި ދުވަހަށެވެ.
ގިލްމޯ، އޭނާގެ މަންމައާ ބައްދަލުކުރަން ސެއިންޓް ލުއިސްއަށް ދިޔައީ އޭނާގެ ދެ ދަރިންނާ ވެސް އެކުގައެވެ. އަދި ލެންބާޓް-ސެއިންޓް ލުއިސް އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔަން އައި އޭނާގެ ބޭބެ، ހާވޭ އާ ވެސް ފުރަތަމަ ފަހަރަށް ބައްދަލުވި އެވެ.
"އަހަރެން ވަރަށް އުފާވެއްޖެ... ވަރަށް ހައިރާންވެސް ވެއްޖެ،" އުފަލުން ހުރެ، އުމުރުން ތިން އަހަރުގައި އަޑުއިވުމުން މަހްރޫމުވެފައިވާ ގިލްމޯ ބުންޏެވެ.
އުފަން މަންމައާ ބައްދަލުކުރުމުގެ އުއްމީދުގައި ހުރި ގިލްމޯ އެންމެ ތުއްތު އިރުން ފެށިގެން ވެސް ބަލާބޮޑުކުރީ އެހެން އާއިލާ އަކުންނެވެ. އަދި އޭނާ އަކީ މިހާރު އެމެރިކާގެ އޮރިގޮން ސްޓޭޓުގެ ރަށްވެއްސެކެވެ.
ގިލްމޯ އާއި ޕްރައިސް ބައްދަލުވެފައި މިވަނީ، ގިލްމޯގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފޭސްބުކް މެދުވެރިކޮށް އޭނާގެ ދަރިން ކުރި މަސައްކަތުންނެވެ. ވީޑިއޯ ޗެޓް މެދުވެރިކޮށް ފެބްރުއަރީ މަހު އެ ދެމައިން ބައްދަލުކުރިއިރު، ދެމައިންގެ ޑީއެންއޭ ޓެސްޓުން ދައްކާގޮތުން ގިލްމޯ އަކީ ޕްރައިސްގެ ދަރިއެއްކަން 99.9 ޕަސެންޓް ދިމާވެ އެވެ.
ގާތްގަނޑަކަށް ބައި ގަރުނަށްފަހު އަމިއްލަ ދަރިފުޅާ ބައްދަލުވުމުން ލިބުނު އުފާވެރިކަމުގައި ހުރި ޕްރައިސް ބުނީ، އޭނާގެ ދަރިފުޅު މަރުވި ކަމަށް ބުނި ވާހަކަ ތަހުގީގު ކުރާނެ ކަމަށެވެ.
"އަހަރެން އަދިވެސް މިހުންނަނީ ޝޮކެއްގެ ތެރޭގައި. އަހަރެމެންނަކަށް ނޭނގެ ކޯއްޗެއް ކަމެއް ފެންނާނީ. ކޮންކަހަލަ އެރާއެއް ކަމެއް. ކީއްކުރީ ކަމެއް. އަހަރެމެން އެކުގައި ބައްދަލުވި ކަމުގެ އުފާވެރިކަން ނިމުމުން، އެކަން ތަހުގީގުކުރުމަށް ލޯޔަރެއް ހޯދާނަން،" ޕްރައިސް ބުންޏެވެ.