ދައުލަތުން ހުށަހެޅި ބަޔާނަށް ޖަވާބުދާރީވާން، މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދަށް ހައިކޯޓުން ދީފި އެވެ.

ހުމާމް ހުށަހެޅި މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ދައުލަތުން ކުރިން ހުށަހެޅި ބަޔާނަށް ޖަވާބުދާރީވާން ހައިކޯޓުން ހުމާމަށް ދީފައި ވަނީ 10 ދުވަހުގެ މުއްދަތެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ހުމާމް ބުނީ ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ކަމަށެވެ. ހުމާމް ވާހަކަދައްކަން ފެށުމުން އެވާހަތައް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނުދެއްކޭނެ ކަމަށާއި ވާހަކަދައްކަން ފުރުސަތު ދޭނެ ކަމަށް ވިދާޅުވެ ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ވާހަކަތައް ހުއްޓުވާފައެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ދުވަހެއް ހައިކޯޓުން ބުނެފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔައިރު ވެސް އެކި ދުވަހު އެކިގޮތަށް ހުމާމް ވަނީ ވާހަކަދައްކާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ހުމާމް ބުނެފައި ވަނީ މީގެކުރިން އެތައް ބަޔަކު އޭނާ މަރާލާފައިވާނެ ކަމަށާއި އެހެންނަމަވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ނުވާނެ ކަމަށެވެ. އޭގެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ ޑރ. އަފްރާޝީމަށް ކަތިވަޅިން ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެފަ އެވެ.

އެދުވަހު ހުމާމް ބުނެފައި ވަނީ ކުރިން އެކަމަށް އެއްބަސްނުވީ އޭނާގެ އާއިލާއަށް އެކަމުން އުނދަގުލެއް ލިބިދާނެތީ ކަމަށެވެ. ހުމާމް ކުށަށް އިއުތިރާފުވެފައި ވަނީ ދައުލަތުން އޭނާއާ ދެކޮޅަށް ހެކި ހުށަހެޅުމުންނެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.