13 Apr 2015, 14:31
މާފުށި ޖަލުގެ އެކި ސެކްޝަންތަކުގެ މައުލޫމާތު ހިމަނާފައިވާ ފޮތެއް ނެރެފިއެވެ.
ރޭ މާފުށީގައި އޮތް ރަސްމިއްޔާތެއްގައި މާފުށީ ޖަލުގެ މައުލޫމާތު ހިމެނޭ އެ ފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ.
ރޭ ނެރުނު ފޮތުގައި މާފުށީ ޖަލުގެ 22 ސެކްޝަނާ ގުޅޭ މައުލޫމާތު ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ޖަލު ސެކިއުރިޓީ ތަކުގައި ގައިދީންތައް ބައިތިއްބާފައިވާ ގޮތުގެ މައުލޫމާތާއި އެއްތަނުން އަނެއް ތަނަށް ގައިދީން ބަދަލު ކުރުމުގެ ޕްލޭނާއި ބެހޭ މައުލޫމާތު ހިމަނާފައިވެއެވެ.
މީގެ އިތުރުން ވެސް ގައިދީންނަށް ދަނޑުވެރިކަން ދަސްކޮށްދިނުގެ މަސައްކަތްތަށް ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ ޕްލޭނާއި ގައިދީން ބަންދުގައި ތިބޭއިރު ވިޔަފާރި ކުރެވޭނެ ގޮތުގެ ޕްލޭން ވެސް ހިމަނާފައިވެއެވެ.
މިފަދަ މެނުއަލެއް އެކުލަވާލުމުގެ ބޭނުމަކީ ޖަލުގެ އަމަންއަމާންކަން ގާއިމުކޮށް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތުދެއެވެ. އަދިޖަލުގައި ތިބޭ ގައިދީންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް ގާނޫނީ ގޮތުން ގައިދީންނަށް ލިބިގެންވާ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ އިތުރުން ޖަލުގެ އޮފިސަރުންގެ މަސައްކަތް ހަރުދަނާ ކުރުން ހިމެނޭ ކަމަށްވެސް އެތަނުން މައުލޫމާތުދެއެވެ.
މާފުށީ ޖަލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އިބްރާހިމް ދީދީ ވާހަކަ ދައްކަވަނީ: ސަން ފޮޓޯ--އަލީ ނަސީރު
މީގެ އިތުރުން ވެސް އެފަދަ މެނުއަލެއް އެކުލަވާލުމުން ރަސްމީ ބޭނުން ތަކަށް ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޖަލާ ބެހޭ މައުލޫމާތު ފަސޭހައިން ފޯރުކޮށްދެވޭނެ ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތުދެއެވެ.
މި މެނުއަލް އެކުލަވާލުމުގައި ޖަލުގެ 22 އޮފިސަރުން މަސައްކަތް ކޮށްފައިވާއިރު މެނުއަލްގެ ތައްޔާރު ކުރުމަށް ވަނީ ފަސް އޮފިސަރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ.
އަދި ރޭ ނެރުނު މެނުއަލް އަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ކުށްވެރިން ބަލަމުންދާއިރު ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް ކުށްވެރިންނަށް ލިބެންޖެހޭ ހައްގުތައް ދޭންޖެހޭނޭ ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނެ ކުށްވެރިންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ހިމާޔަތަކާއި ރައްކާތެރި ކަމެއް ދީގެން ހުރިހާ އެންމެންނަށް ހަމަހަމަކާ އެކު އެއް އުސޫލެއްގެ ދަށުން މަސައްކަތް ކުރަން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.