14 Apr 2015, 11:51
ގއ ދާންދޫ ކައުންސިލުގެ ރައީސްކަމަށް އިސްމާއިލް ލަތީފު މިއަހަރުގެ ޖެނުއަރީ މަހު އިންތިޚާބުކޮށްފައި ވަނީ ގާނޫނީ އިމުގެެތެރެއިން ނޫންކަމަށާއި ކައުންސިލުގެ ރައީސަކީ ކުރީގެވެސް ރައީސް އިސްމާއިލް މުހައްމަދު ކަމަށް ކަނޑައަޅައި އެލްޖީއޭއިން ނިންމި ނިންމުން ދާންދޫ ކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.
ދާންދޫ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޖެނުއަރީ މަހު އިސްމާއިލް މުހައްމަދު ކައުންސިލުގެ ރައީސްކަމުގެ މަގާމުން ވަކިކޮށް އިސްމާއިލް ލަތީފު އެ މަގާމަށް އައްޔަންކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެއީ ސައްހަ ނިންމުމެއްކަމަށް ޝަރީއަތުން ބެލި ބެލުމުން އެނެގެން އޮއްނަ ކަމަށެވެ. އެހެންކަމުން ލަތީފަކީ ދާންދޫ ކައުންސިލުގެ ރައީސް ކަމަށް އެރަށު ކޯޓުން ކުރި ހުކުމުގައި އެވެ.
އެލްޖީއޭ އިން މީގެކުރިން އަންގާފައި ވަނީ ދާންދޫ ކައުސިލުގެ ކުރީގެ ރައީސް އިސްމާއިލް މުހައްމަދު މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި ރައީސަކީ އޭނާ ކަމަށެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ދާންދޫ ކައުންސިލުގެ ކުރީގެ ރައީސް އިސްމާއިލް މުހައްމަދަކީ ވެސް އެމްޑީޕީގެ މެންބަރެކެވެ. ނަމަވެސް އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ވަނީ ރައީސްގެ އިތުބާރު ނެއްކަމަށް ވޯޓު ދެއްވާފައެވެ. ދާންދޫ ކައުންސިލުގައި ހިމެނޭ ހަމައެކަނި ޕީޕީއެމްގެ މެންބަރު އެދުވަހުގެ ވޯޓުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.
އިސްމާއިލް މުހައްމަދު މަގާމުން ވަކިކުރުމަށް ހުށަހެޅުއްވި ދާންދޫ ކައުންސިލުގެ ނައިބު ރައީސް އިގްބާލް އަބްދުﷲ 'ސަން' އަށް ވިދާޅުވެފައި ވަނީ ކައުންސިލުގެ ރައީސް މަގާމުން ވަކިކޮށްފައި ވަނީ ރައީސް ކަމުގެ މަސްއޫލިއްޔަތާއި، ވާޖިބު އަދާ ނުކުރެވޭތީ ކަމަށާއި، ސިޔާސީ މަގާމަކަށް ދާއިރު، މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ވަކި ކުރެވޭނެ ކަން ދަންނަން ޖެހޭނެ ކަމަށެވެ.