14 Apr 2015, 14:26
އޭއެފްސީ ކަޕްގައި މިއަދު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާ ބައްދަލުކުރި މެޗު، ލަނޑެއް ނުޖެހި އެއްވަރުވުމުން، ހަތަރު ޕޮއިންޓާއެކު ތާވަލްގެ ތިންވައިގައި މާޒިޔާ ފަރުޖައްސާލަން ޖެހިއްޖެއެވެ.
މިއަދުގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު މާޒިޔާ ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗު ކާމިޔާބުކުރުމަށް ފަހު އެއް މެޗުން އެއްވަރު ވެފައެވެ. އަދި މީގެ ކުރިން ކުޅުނު ތިން މެޗުންވެސް މޮޅުވި ޕާސިޕޫރާ މިއަދު ލިބުނު ޕޮއިންޓާއެކު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި މިހާރު ވަނީ ގާތްގަނޑަކަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފް ވަރުގަދަ ކުޅުމަކާ އެކު ފެށީ މާޒިޔާއެވެ. ނަމަވެސް ކޯނަރަކުން މާޒިޔާ އުފެއްދި ފުރަތަމަ ހަމަލާގައި ޕަބްލޯ ކުރިއަށް ފޮނުވާލި ބޯޅަ ގޯލް ހުރަސް ދަނޑި މަތިން ބޭއްރަށް ދިޔައިރު، އޭގެ މިނެޓެއް ފަހުން ބޮކުރީ އަރިމަތިން ނެގި ބޯޅަ ޕެނަލްޓީ އޭރިއާތެރޭ ހުރި އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ވަނީ ކުރިއަށް ފޮނުވާލެވޭ ގޮތް ނުވެފައެވެ.
ފުރަތަމަ ވަގުތުކޮޅު ދިމާވި ޕްރެޝަރަށް ފަހު އަމިއްލަ ދަނޑުގައި މެޗު ކުޅުނު ޕާސިޕޫރާ ވަނީ ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެހިލައި ހަމަލާއަށް އިސްކަން ދީފައެވެ. ޕާސިޕޫރާ އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާގައި މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމްގެ ކެޕްޓަން ބޯއާޒް ކުރިއަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ހުށިޔާރު ކަމާއެކު ދިފާއުކޮށްފައި ވާއިރު، ދެވަނަ ފަހަރަށް ޕާސިޕޫރާގެ ޒުލްހާމް ކީޕަރު އިމްރާން ގައިދަށުން ކުރިއަށް ފޮނުވާލި ބޯޅަ ދިފާއު ކުރީ ގޯލްލައިން ކައިރިން މާޒިޔާގެ ޑިފެންޑަރުންނެވެ.
ފުރަތަމަ ހާފްގެ މެދުތެރެއިން ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެ ހާފްގައި ދެ ޓީމްވެސް ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައި ވާއިރު، މާޒިޔާއަށް ވަނީ ސެޓް ޕީސް ތަކުން ރަނގަޅު ދެ ތިން ފުރުސަތެއް ލިބިފައެވެ. މާޒިޔާގެ ޑިފެންސްގައި ސަމްދޫހު އާއި އަމްދާން އަދި ފަރުހާދް ވަނީ މޮޅު ކުޅުމެއް ދައްކައި، ޕާސިޕޫރާގެ ގިނަ ހަމަލާތަކެއް ދިފާއު ކުރަން އެހީވެފައެވެ.
މެޗުގެ ދެވަނަ ހާފް މާޒިޔާ ފެށި ރަނގަޅު ހަމަލާއަކާ އެކީ އެވެ. ނަމަވެސް މާޒިޔާއަށް ލިބުނު ކޯނަރަކުން ޑިފެންޑަރު އަމްދާނަށް މާ ރަނގަޅަށް ބޯޅަ ކުރިއަށް ފޮނުވާ ނުލެވުނު އިރު، އެ ހަމަލާ ޕާސިޕޫރާ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅު މާޒިޔާއަށް ކޯނަރަކުން ލިބުނު ދެވަނަ ފުރުސަތުގައި، ޕަބްލޯ އޭރިއާ ތެރެއަށް ބޮލުން ޖައްސާލި ބޯޅަ ވަނީ މާ ރަނގަޅަށް ކުރިއަށް ފޮނުވާލެވޭ ގޮތް ނުވެފައެވެ.
އެ ހަމަލާތަކަށް ފަހު ޕާސިޕޫރާ ކުޅުން ރަނގަޅު ކޮށްފައި ވާއިރު، ދެވަނަ ހާފްގެ ބޮޑުބައިގައި ބޯޅަ ހިފައްޓައިން އެ ޓީމް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި އެ ޓީމްގެ ފޯވާޑް ލައިނުން ކެޕްޓަން ބޯއާޒް އާއި ރޮބަރޓީނިއޯ، ޒުލްފާމީ އަދި ޕަންކަލީ ރަނގަޅު ޝޮޓުތަކެއް އުފައްދާފައި ވާއިރު، މާޒިޔާގެ ޑިފެންޑަރުނާއި ކީޕަރު އިމްރާން ވަނީ ހުނަރުވެރު ކުޅުމެއް ދައްކާ، ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.
މެޗުގެ ފަހު ވަގުތުކޮޅުވެސް ގޭމް ކޮންޓްރޯލް ކުރަމުން ދިޔައީ ޕާސިޕޫރާއެވެ. އަދި ދެވަނަ ހާފްގެ ފަހު ވަގުތުކޮޅު މާޒިޔާއަށް ޕާސިޕޫރާގެ ގޯލަށް ނުރާއްކާތެރި އެންމެ ހަމަލާއެއްވެސް އުފެއްދިފައި ނުވިނަމަވެސް، މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމްވެސް އެއްވަރު ވެގެނެވެ.
މިއަދުގެ މެޗަށް ފަހު މާޒިޔާއަށް މުބާރާތުގައި ބާކީ އޮތީ ދެ މެޗެވެ. އެގޮތުން މި މަހުގެ 28 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް މާޒިޔާ އިންޑިއާގައި ކުޅެން ހަމަޖެހިފައި ވާއިރު، ދެވަނަ މެޗުގައި އަންނަ މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި މާޒިޔާ ބައްދަލުކުރާނީ އެ ގައުމުގެ ވޮރިއަރސްއާ އެވެ. މުބާރާތުގައި ކުރިއަށް ދިޔުމަށް އެ ދެ މެޗު ކާމިޔާބު ކުރަންވެސް މާޒިޔާއަށް ވަރަށް މުހިންމެވެ.