ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ލޭ އޮހޮރުވާލަން ފުލުހުން ފަސްޖެހިގެން ނުވާނެ ކަަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ހދ. ކުޅުދުއްފުށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހުސައިން ވަހީދު ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނާމެދު ނަފްރަތު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފަދަ ފަރާތްތަކަށް ރައްދު ދެއްވައި ހުސައިން ވަހީދު ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް "ނުވެސް ކުރާނެ" ކަމަށެވެ.

"ފުލުހުންގެ މުއައްސަސާއަށް ދެރައެއް ލިބޭފަދަ، ފުލުހުންގެ ޝަރަފުވެރި ޔުނީފޯމަށް ހުތުރެއް ލިބޭފަދަ އަދި ފުލުހުންގެ މަސައްކަތުގެ ނަޒާހަތްތެރިކަން ގެއްލޭނެ ފަދަ އެއްވެސް ކަމެއް މިހާތަނަށް އަޅުގަނޑު ކޮށްފައެއް ނުވާނެ. އަދި ﷲ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި އެފަދަ ކަމެއް ނުވެސް ކުރާނަމު،" ހުސައިން ވަހީދު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގާނޫނުތައް ހެދުމަށްފަހު އެ ގާނޫނުތަކާ ދެކޮޅަށް ނުކުމެ، ހައްގުތަކުގެ ނަހަމަ ބޭނުން ކުރަމުންދާ ކަމަށް ސީޕީ ހުސައިން ވަހީދު މިރޭ ވިދާޅުވި އެވެ. އަދި މަގުތަކަށް ނުކުންނަ ބައެއް ފަރާތްތަކުން ފުލުހުންގެ މަސައްކަތަކަށް ހުރަސް އަޅައި ފުލުހުންނަށް ގޯނާކޮށް، ފުލުހުން ބޭނުން ކުރާ ސަމާނުތަކަށް ގެއްލުން ދިނުމުގެ އާދަތައް މުޖުތަމައުގައި ހަރުލަމުންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ފުލުހުން އޮހޮރުވާ ލެޔަކީ "އަގުހުރި އެއްޗެއް" ކަމަށެވެ.

"މި ވަތަނުގެ މިނިވަންކަމާއި މި ވަތަނުގެ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ލޭ އޮހޮރުވާލަން ފަސް ޖެހިގެން ނުވާނެ. އެފަދަ ގޮތަކުން އޮހޮރިގެންދާ ލެޔަކީ އަގުހުރި އެއްޗެއް ކަމަށް އަޅުގަނޑުމެން އެންމެން ގަބޫލު ކުރަންޖެހޭ،" ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.

ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަ ކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ. ގާނޫނާ ހިފާލަށް ކުރާ ކަންތައްތައް ހުއްޓުވުމަށްޓަކައި "ޓަކި" ޖަހަންޖެހޭ ކޮންމެ ދޮރެއްގައި ޓަކި ޖަހާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނާ ހިލާފަށް ބަޔަކު ނުކުމެ، މަގުމަތި ބަންދުކޮށް ދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސް އަޅާނަމަ ފުލުހުން އެކަން ހުއްޓުވާނެ. ޝައްކެއް ވެސް ނެތް، ގާނޫނު ތަންފީޒު ކުރުމަކީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފުލުހުންނަށް ލާޒިމްކޮށްފައިވާ ކަމެއް. އެއީ ފަހަރެއްގައި ވެސް ފުލުހުންނަށް އޮތް ޗޮއިސްއެއް ނޫން. އެއީ ފުލުހުން ކުރުމަށް ލާޒިމް ކުރާ ކަމެއް،" ހުސައިން ވަހީދު ވިދާޅުވި އެވެ.