16 Apr 2015, 10:58
އދ. މަޖިލިސް (އެޕްރީލް 16) : އދ. ން ޔަމަނަށް ކަނޑައަޅާފައިވާ މަންދޫބު ޖަމާލް ބިން އުމަރު މަގާމުން އިސްތިއުފާ ދެއްވަން ގަސްދު ކުރައްވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އދ. ގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ޖަމާލް ބިން އުމަރު މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއަށް ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ. ޖަމާލް ބިން އުމަރު މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައި މިވަނީ އޭނާގެ ދައުރާމެދު ހިތްހަމަނުޖެހޭކަން ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރުގެ މަސްއޫލުވެރިންނާ އަދި ގަލްފުގެ ބައެއް ގައުމުތަކުގެ މަސްއޫލުވެރިން ހާމަކުރައްވާފައި ވަނިކޮށެވެ.
ރިޕޯޓްތައް ބުނާގޮތުން ބިން އުމަރު މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ޔަމަންގެ ދާޚިލީ އަރާރުންތަކުގެ ތެރެއަށް އަސްކަރީ ގޮތުން ވަދެގެންފައިވާ ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތަކުގެ ފިއްތުންތަކުގެ ސަބަބުންނާއި ޔަމަންގެ ރައީސް ހާދީގެ އެއްބާރުލެއްވުން ނުލިބުމުގެ ސަބަބުން އޭނާގެ މަސައްކަތް މިނިވަންގޮތުގައި ކުރިޔަށް ގެންދެވެން ނެތުމުންނެވެ. ޖަމާލް ބިން އުމަރަކީ މަޣްރިބް ގެ ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ.
ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ހޫޘީ ޖަމާއަތާއި އެގައުމުގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ގެ ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ޖަމާލް ބިން އުމަރު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އޭނާގެ މަސައްކަތް މަޑުޖެހިފައި ވަނީ ޔަމަންގެ ރައީސް ސަންޢާ އިން ފިއްލަވައިގެން އަދަން އަށް ވަޑައިގެންވުމާއެކު އަދަން އަށް ނޫނީ ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒް އަށް ވާހަކަތައް ބަދަލުކުރުމަށް ހާދީ އެދިވަޑައިގަތުމާއެކު އެކަމަށް ހޫޘީންނާއި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ދެކޮޅު ހެއްދެވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ސައޫދީން ޔަމަނަށް ބޮންއަޅަން ފެށުމުން ވެސް ޖަމާލް ބިން އުމަރުގެ ސުލްހައިގެ ދައުރު ވަނީ ގެއްލިފަ އެވެ.
ޖަމާލް ބިން އުމަރަކީ ހޫޘީން ގެ ކޮޅަށް ބުރަވެ ވަޑައިގަންނަވާ ބޭފުޅެއްކަމަށް ބުނެ ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތަކުގެ އިތުރުން އެގައުމުތަކުގެ ތާއީދު ލިބިފައިވާ ޔަމަންގެ ރައީސް ހާދީއަށް ތާއީދުކުރާ ފަރާތްތަކުންވެސް އެކި ތުހުމަތު ކުރަމުން ގެންގޮސްފައިވެ އެވެ. ބިން އުމަރުގެ ބަދަލުގައި ޔަމަންގައި ހުންނަވާ އދ.ގެ މަންދޫބު ކަމުގެ މަގާމަށް ދެން އައްޔަންކުރާނީ މޮރިޓޭނިޔާގެ ޑިޕްލޮމޭޓެއް ކަމަށް ޑިޕްލޮމޭޓުން ވިދާޅުވެ އެވެ. ނަމަވެސް އެއީ ކޮންބޭފުޅެއްކަން އަދި ހާމަވެފައެއް ނުވެ އެވެ. (ރޮއިޓާސް)