ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ ޑިރެކްޓަރު އިބްރާހީމް އާސިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށްދާ ޗައިނާ އައުޓްބައުންޑް ޓްރެވަލް ޓުއަރިޒަމް މާކެޓް (ކޮޓަމް) އަކީ ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ އެއްމެ ބޮޑު ފެއާއެވެ.

" ޗައިނާގެ ޓްރެވެލް އެޖެންޓުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދަނީ. މިއީ ޚާއްސަކޮށް މި ދުވަސްކޮޅަށް ބަލާއިރު ވަރަށް މުހިއްމުކަމެއް،" އާސިމް ވިދާޅުވިއެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިން މަދުވެފައިވާ ކަަމަށް އެމްއެމްޕީއާރްސީ އިން ކުރިން ވަނީ ބުނެފައެވެ.

ކޮޓަމް ފެއާގައި ރާއްޖޭގެ ސްޓޭންޑް -- ފޮޓޯ: އެމްއެމްޕީއާރުސީ

މި ފެއާގައި ބައްދަލުކުރާނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. މި ފެއާއަކީ އާއްމުންނަށް ހުޅުވާލެވިފައިވާ ފެއާއެއް ނޫނެވެ.

ކޮޓަމް ފެއާގައި ރާއްޖޭގެ 31 ކުންފުންޏަކުން 64 ފަރާތުން ދަނީ ބައިވެރިވަމުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާއެވެ. ފާއިތުވި އަހަރު ޗައިނާ އިން ރާއްޖެ އަށް 363626 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޗައިނާ އިން އެހެން ގައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން މިއަހަރު ޗުއްޓީއަށް ކުރާ ހޭދަ 188 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ.