17 Apr 2015, 13:29
ސަރުކާރުން ކުރިއަށް ގެންދާ ސުޕަ ސުޕެޝަލިސްޓް ޕްރޮގްރާމް ދަށުން ހަތް މަސް ތެރޭ މުޅި ރާއްޖެ ތަމްސީލްވާ ގޮތަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ސުޕަ ސުޕެޝަލިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ހެލްތު މިނިސްޓާ އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެެންސްގައި ޒުހޫރު ވިދާޅުވީ ރާއްޖެ ޒިޔާރަތްކުރާ ޑޮކްޓަރުންނަކީ މި ސަރަހައްދުގައި ތިބި އެންމެ މޮޅެތި ޑޮކްޓަރުން ކަމަށެވެ. އަދި ވަކި ތާވަލެއްގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޑޮކްޓަރުން ފޮނުވާނެ ކަަމަށެވެ. މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަަރަށް ބޮޑެތި ފައިދާތައް ކުރާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"މިހާރު އާސައިންދައިގެ އެހީގައި ސްޕެޝަލިސްޓުންނަށް ދެއްކިގެން މި ދަނީ ރާއްޖޭގެ ތިބެގެން. އެހެންވީމަ އެއީ ވަގުތު ސަލާމަތްވެވިފައި އަދި އޭގެ އިތުރުން ޚަރަދުގެ ގޮތުން ވެސް ވަރަށް ބޮޑުތަން ސަލާމަތްވެގެންދާނެ،" ޒުހޫރު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ މި ހިދުމަތް ކެނޑިނޭޅިދިނުން ކަމަށް ޒުހޫރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގޭ ސީއީއޯ މުޖްތަބާ ޖަލީލު ވިދާޅުވީ ރާއްޖޭގައި ރެޖިސްޓްރީކޮށްފައި ތިބި ގާތްގަނޑަކަށް 600 ތެލަސީމިއާ ޕޭޝަންޓުންނަށް ސުޕާ ސްޕެޝަލިސްޓުން ރާއްޖެ ވަޑައިގެން ފަރުވާދެމުންދާނެ ކަމަށެވެ.
"ކޮންމެ މަހަކު ވެސް މަދުވެގެން ތިން ރަށެއްގައި ނުވަތަ ތިން ހޮސްޕިޓަލެއްގައި އަޅުގަނޑުމެންގެ ހިދުމަތް ކުރިޔަށްދާނެ،" މުޖްތަބާ ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް އަބަދުވެސް ޑޮކްޓަރުން ގެންނާނެ ކަަމަށާއި އަދި ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުވާ މީހުންގެ މަރުކަޒަށް ކޮންމެ މަހަކު ވެސް ޑޮކްޓަރުން ވަޑައިގެން އެތަނުގައި ތިބޭ މީހުން ބައްލަވާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ރާއްޖޭގެ ބޭރުގެ ހޮސްޕިޓަލްތަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށް މުޖްތަބާ ވިދާޅުވިއެވެ. އަދި ރާއްޖެ ޒިޔާރްތަކުރާ ޑޮކްޓަރަކަށް ދައްކާފަ އިތުރު ފަރުވާ އަށް ނުވަތަ އޮޕަރޭޝަނަކަށް ރާއްޖޭން ބޭރަށް ދާންޖެހޭ ހާލަތުގައި އާސަދައިގެ ދަށުން ދެވޭނެ ކަަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ސުޕާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުމުގެ ޕްރޮގްރާމް ފައްޓަވާ ދެއްވީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ.