ގއ ގެމަނަފުށީގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މަގުތަކަށް ފަސްއަޅައި އެއްވަރުކުރުމުގެ މަސައްކަތް ގެމަންފުށީ ކައުންސިލާއި އެމްޓީސީސީ ގުޅިގެން ފަށައިފި އެވެ.

ގެމަނަފުށީ ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާނު މިއަދު 'ސަން' އަށް ވިދާޅުވީ އެރަށުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މަގުތަކަށް ފަސް އެޅުމުގެ މަސައްކަތުގައި އެރަށުގެ ރައްޔިތުންނާއި، ހުރިހާ މުއައްސަސާއަކުން ބައިވެރިވާ ކަމަށެވެ.

ގެމަނަފުށީ މަގުތަކަށް ފަސް އަޅައި އެއްވަރު ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން -- ފޮޓޯ -- ފޭސްބުކް

" ރަށުގެ ބޮޑު ދެމަގަށް ފަސް އެޅުމަށް ފަހު ކުދި ކުދި މަގުތަކަށް ފަސް އެޅުމުގެ މަސައްކަތް ދެން ކުރިއަށް ދާނީ، މި ބަލަނީ ދެދުވަސް ތެރޭގައި މި މަމަސަކަތް ނިންމާ ލެވޭތޯ،" ޝިޔާން ވިދާޅުވި އެވެ.

ކުރިއަށް އޮތީ ވިއްސާރަ މޫސުންކަން ފާހަގަ ކުރައްވައި ޝިޔާން ވިދާޅުވީ ވިއްސާރަ ވެއްޖެ ނަމަ އެރަށުގައި ހިނގާ ބިގާވެ އުޅުމަކީ ވަރަށް ދަތި ކަމެއް ކަމަށެވެ. އަދި ޚާއްސަކޮށް ސުކޫލް ކުދިންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެމަނަފުށީ މަގުތަކަށް ފަސް އަޅައި އެއްވަރު ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން -- ފޮޓޯ -- ފޭސްބުކް

ފަސް އެޅުމުގެ ސަބަބުން މަގުތަށް ޗަކަވެ، ކުރިމަތިވާ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ގެމަނަފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ.