ތާޅަފިލި ދުންމާރި އަދި އެނޫން ވެސް މަޖިލީހުގެ ތަޅުމާ ގުޅުން ނެތް ތަކެތި މަޖިލީހަށް ވެއްދުން މަނާ ކުރާ ގަވާއިދު ފާސްކުރަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާ ވެސް، އެތަކެއްޗާ ނުލައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކޮށް ހުއްޓުވައިފި އެވެ.

އަޑުގަދަކުރާ އާއި އެ ނޫން ވެސް ގޮތަކުން ރިޔާސަތަށް ހުރަސްއެޅޭނެ ފަދަ ކަމާ ނުބެހޭ ތަކެތި ރައްޔިތުންގެ މަޖިލީހަށް ވެއްދުން މަނާ ކުރަން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ޖަލްސާގަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެފައި ވަނީ އެތަކެތި މަޖިލީހަށް ވެއްދުން މަނާކޮށްގެން ނޫނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އަޑުގަދަ ކުރާ ބޭނުންނުކޮށް މަޖިލީހުގެ ޖަލްސާ ހުއްޓުވުމަކީ އުފަލެއްގެ ގޮތުގައި ފާހަގަކޮށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އެއްވެސް އެއްޗަކާ ނުލައި ވެސް އޮންނާނީ މަޖިލިސް ހުއްޓުވާފައި" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މ. ކްރެސްޓްވުޑް އަބްދުﷲ ހަމީދު އައްޔަން ކުރުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ދާއިމީ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ އާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިގްތިސޯދީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އިއްވުމެވެ.