21 Apr 2015, 14:24
މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ 20 އަހަރަށް ޖަލަށް ލުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މުރްސީ 20 އަހަރަށް ޖަލަށް ލުމަށް މި ހުކުމް ކުރީ އަސްކަރީ އިންގިލާބެއްގައި މުރްސީގެ ވެރިކަން ވައްޓާލިތާ ދެ އަހަރު ފަހުންނެވެ.
ބީބީސީ އިން މިއަދު ބުނީ މުރްސީގެ މައްޗަށް 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ، އޭނާގެ ވެރިކަމުގައި މުޒާހަރާ ކުރަން ނުކުތް މީހުން ހައްޔަރުކުރުމަށް އަމުރުކޮށް އަދި އެ މީހުންނަށް އަނިޔާ ކުރިކަން ސާބިތުވުމުން ކަމަށެވެ.
އަސްކަރިއްޔާގެ ފަރާތުން 2013 ވަނަ އަހަރު މުރްސީ ވެރިކަމުން ބޭލީ އޭނާއާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާ އަކަށް ފަހު އެވެ. އަދި އެ އަށް ފަހު މުރްސީގެ ބްރަދާހްޑް ޖަމާއަތް މިސުރުގައި ވަނީ މަނާކޮށްފަ އެވެ. އަދި އޭނާގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަ އެއާ އެކު މުރްސީ އަށް ތާއީދު ކުރާ ގިނަ ބަޔަކަށް ވެސް ވަނީ 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
މުރްސީގެ ވެރިކަން ވައްޓާލި ފަހުން ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ވަނީ އެތައް ސަތޭކަ ބަޔަކު މަރުވެފަ އެވެ.