21 Apr 2015, 16:16
މާލޭސިޓީ ކައުންސިލްގެ ބާރުތައް ވަކިވަކިން ސަރުކާރަށް ނަގަމުންގޮސް މިހާރު ނުނެގި ވަނީ ކައުންސިލުގެ މެންބަރުން އެކަނި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މޭޑޭގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މޭ އެކެއްގައި ބާއްވަން ރާވަމުން އަންނަ އެއްވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ކައުންސިލްތަކަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ބާރުތައް ހަނިކުރަމުން ގޮސް މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ބާރެއް ސަރުކާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"މިއަދު ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ސަރުކާރަށް އަތުނުލެވެނީ އެތަނުގައި ތިބި ކައުންސިލަރުންކޮޅު އެކަނި. އެބޭފުޅުންގެ އޮފީސް އެޔޮއް ނަގަނީ. އެބޭފުޅުންގެ ބިން ނަގަނީ. އެހެންވީމާ މަސައްކަތް ކުރާނެ މާހައުލު އެއްކޮށްގެއްލިގެން އެޔޮއް ދިޔައީ،" އަމީން ވިދާޅުވި އެވެ.
ސަރުކާރުން "އަނިޔާވެރިކަން" ފުޅާކުރަމުން ދަނީ ވަކިވަރެއް ނުބަލައި ކަމަށާއި ވިޔަފާރިވެރިންނަށާއި ވަކި ވަކި ފަރުދުންނަށް ވެސް ސަރުކާރު ދަނީ "އަނިޔާވެރިވަމުން" ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.
މޭޑޭގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މޭ އެކެއް ގައި ކުރިއަށްދާ އެއްވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ -- ޔޫސުފް ސޮފްއާން
މޭޑޭގެ ހަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ މަސައްކަތް ކަމަށާއި އެހެންކަމުން އެކެއް މޭގައި އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ބޮޑު އެއްވުން ކުރިއަށް ދާނީ ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެތެރެއިން ކަމަށެވެ.
"އެދުވަހުގެ އެއްވުމަކީ ނަތީޖާ ނެރޭނެ އެއްވުމެއް، އެދުވަހު އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއް ވެސް ދާނީ ގާނޫނީ އިމުގެތެރެއިން. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ހިތްވަރާއި އަޒުމާއި ޖޯޝާ އެކު ގާނޫނީ އިމުގެތެރޭގައި،" އިމްރާން ވިދާޅުވި އެވެ.
މޭޑޭގައި އިދިކޮޅު އިއްތިހާދުން ކުރިއަށްދާ އެއްވުން ހިމާޔަތްކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ ކިބައިން އެދޭ ކަމަށާއި އަދި އެދުވަހުގެ އެވުމުގައި "އެ ދެ މުއްސަސާއަށް ގެއްލުންވާނެ އަދި ނިކަމެތިކަމެއް އަންނާނެ އެއްވެސް އެއްވުމުގެ ތެރެއިން ފެނިގެން ނުދާނެ." ކަމަށް އިމްރާން ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތުގައި ބައިވެރިވެ ހުރިހާ ދިވެހި ރައްޔިތުން މޭޑޭގައި ނިކުތުމަށް ގޮވާލާ ކަމަށެވެ.