ޒަކާތު ފަންޑުގެ އެހީގެ ދަށުން ނޭޕާލުގެ ތްރީބުވާން ޔުނިވާސިޓީގައި ސިއްހީ ދާއިރާއިން ސްޕެޝަލިސްޓުކަން ކިޔެވުމަށް ހޮވުނު އަށް ކުއްޖަކަށް ސްކޮލާޝިޕް ހަވާލު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޮލާޝިޕްތައް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލު ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ޒުހޫރު ވިދާޅުވީ، އަށް ކުދިންނަށް މިއަދު ސްކޮލަޝިޕް ލިބިފައިވާއިރު، މިއަހަރު ތެރޭގައި އަަދި އިތުރު 13 ފަރާތެއް ސްޕެޝަލިސްޓުންގެ ގޮތުގައި ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށެވެ. އަދި އެ ފާތްތަކުގެ ތެރެއިން ބޮޑަށް އިސްކަން ދޭނީ، އަތޮޅުތެރޭގައި މަސައްކަތް ކުރުމަށް ތައްޔާރަށް ތިއްބެފި ފަރާތްތަކަށް ކަމަށް ޒުހޫރު ވިދާޅުވިއެވެ.

"މިއަހަރު ނިމުމުގެ ކުރިން 21 ކުއްޖަކު ސްޕެޝަލިސްޓުންގެ ރާއްޖެއިން ބޭރަށް ދާނެ. އެގޮތުން މިއަދު އަޅުގަނޑުމެންނަށް ހަވާލު ކުރެވުނީ އަށް ކުއްޖަކަށް ރާއްޖެއިން ބޭރަށް ފުރުމުގެ ފުރުސަތު މި ދިނީ. މި ކުދިންތައް ހޮވުމުގައި ބޮޑަށް ބަލާފައި މިވަނީ ރާއްޖޭގެ ރަށްތަކުގައި މަސައްކަތް ކުރަން ކޮމިޓްމެންޓް ދީފައިތިބި ކުދިން. ކުރިއަށް ނަގާ 13 ކުދިންނަށް ވެސް ބޮޑަށް އިސްކަން ދެވިގެން ދާނީ ރަށްތަކުގައި މަސައްކަތް ކުރަން ކޮމިޓްމެންޓް ދޭ ކުދިންނަށް،" މިނިސްޓަރު ޒުހޫރު ވިދާޅުވިއެވެ.

އެ ގޮތައް ކުދިންނަށް ކިޔަވައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ސަރުކާރުން ކޮންމެ އަހަރަކު 1،000 ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭ އިރު އޭގެތެރޭގައި މެޑިސިންގެ ދާއިރާއިން މިހާރުވެސް ކިޔަވަމުން ދާކަމަށާއި އެދާއިރާއަށް ހާއްސަ ސަމާލު ކަމެއް ދޭ ކަމަށެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ސަރުކާރުން ދަނީ ގިނަ އަދަދަކަށް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތުތައް ހޯދައި ދެމުން ކަމަށެވެ.