21 Apr 2015, 20:10
ވިލުފުށީގައި މަގު ހެދުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެމްއާރްޑީސީ) އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް އެރަށު ކައުންސިލްގެ ރައީސް ޙުސައިން ޖަބީން ހުރަސް ނާޅުއްވާ ކަމަށް އެކައުންސިލުން ބުނެފިއެވެ.
ވިލުފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެރަށުގައި ހުރި ނިކަ ގަހެއް ނަގައި އަންދައިލި މައްސަލައަކާ ގުޅިގެން ޖަބީންއާއި އެހެން ކައުންސިލަރަކު އެމްއާރްޑީސީގެ ސައިޓް އޮފީހަށް ވަޑައިގެން ސައިޓް މެނޭޖަރާ ސުވާލު ކުރެއްވި ކަމަށެވެ. ސައިޓް މެނޭޖަރާ ވާހަކަ ދެއްކެވުމުގައި ހަމަ ނުޖެހުމެއް އުފެދޭ ފަދަ، އަދަބާ ހިލާފު އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްއާރްޑީސީގެ ސައިޓް އޮފީހަށް ދެކައުންސިލަރުން ވަޑައިގެން ސުވާލު ކުރެއްވި ސަބަބާ ގުޅޭ ގޮތުން ކައުންސިލުން ބުނެފައި ވަނީ އެމްއާރްޑީސީން ނަގައި އަންދާލާފައި ވަނީ މަގަށް ނާރާ ގޮތަށް ހުރި ގަހެއް ކަމަށް ވާތީ ކަމަށެވެ.
އެމްއާރްޑީސީން އެކަން ކޮށްފައި ވަނީ ރަށުގައި ފިތުނަ ފަސާދަ އުފެއްދުމުގެ މަގުސަދުގައި ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"...މަގު 14 މީޓަރަށް ފުޅާ ކުރިޔަސް ގްރީން އޭރިއާގައި އިންދާފައި ހުރި ގަސްތައް މަގަކަށް ނާރައެވެ. ނަމަވެސް ކައުންސިލްގެ ނިންމުމެއް ނެތި، ކައުންސިލަށް އެންގުމަކާއި ނުލައި ރޯޑްކޯޕަރޭޝަނުން އަމިއްލައަށް މަގު ފުޅާ ކުރަން ކަމަށް ބުނެ މިއަމަލު ހިންގާފައި ވަނީ ރަށުގެ މަސްލަހަތު ނަގާލައި ފިތުނަ ފަސާދަ އުފެއްދުމުގެ މަގުސަދުގައި ކަމަށް މިކައުންސިލުން ދެކެމެވެ،" ބަޔާނުގައި ވެއެވެ.
އެމްއާރްޑީސީން ނަގައި އަންދާލާފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންދެވި ނިކަގަހެއް ކަމަށް ވެސް ވިލުފުށީ ކައުންސިލުން ބުންޏެވެ.
ވިލުފުށީ ކައުންސިލްގެ ރައީސް ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ އެ ރަށުގައި މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންގެ މަސައްކަތަށް ހުރަސް އަޅައި އެމީހުން ބޭނުންކުރާ އޮފީހަށް ވަދެ އޮފީހުގައި ތިބި މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް ހަޅޭލަވައި ހެދުމުން ކަމަށެވެ.