22 Apr 2015, 11:01
ވިޔަފާރި ވެރިންގެ ޖަމިއްޔާއިން ބާއްވާ ނައިޓް މާކެޓް އަންނަ މަހު 25 ގައި ފަށާނެ ކަަމަށް ވިޔަފާރިވެރިންގެ ޖަމިއްއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފު ވިދާޅުވެއްޖެ އެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން އާސިފު ވިދާޅުވީ މި ފަހަރުގެ ނައިޓް މާކެޓް ތަފާތު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މިނިވަން ފަންސާސް ހަރަކަތާއި ގުޅިގެން އާ ކަންތައްތަކެއްް ދައްކާލެވޭތޯ މަސައްކަތް ކުރަމުން މި ދަނީ. އެކަމަކު އަދި ކޮންފާމެއް ނުވޭ،" އާސިފު ވިދާޅުވި އެވެ.
އާސިފު ވިދާޅުވީ މި ފަހަރު 500 މޭޒު ވިކިފައިވާ ކަަމަށެވެ. އަދި ވިޔަފާރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭ ކަމަށް އާސިފު ވިދާޅުވި އެވެ.
"މިހާރު ވެސް އެބަ އާދޭ މޭޒު ނަގަން އެކަމަކު މޭޒު ހުސްވިތާ ވެސް އެއް މަހަށް ވުރެ ގިނަވެއްޖެ،" އާސިފު ވިދާޅުވި އެވެ.
ނައިޓް މާކެޓްގައި ކާބޯތަކެތި ވިއްކުމަށް ހުޅުވާލި ބިޑް ކާމިޔާބު ކުރި ތިން ފަރާތުގެ ތެރެއިން ފައިސާ ދައްކާފައި ވަނީ އެންމެ ފަރާތަކުން ކަމަށާއި އެހެންކަމުން އަދި ދެ ފަރާތެއް ހޯދަން އަލުން ބިޑަށް ހުޅުވާލަން ނިންމާފައިވާ ކަަމަށް އާސިފު ވިދާޅުވި އެވެ.
މި ފަހަރު ވެސް ނައިޓް މާކެޓްގެ މޭޒުތައް ބަހައްޓާފައި ހުންނާނީ ޓަސްކާލޫސާ އިން ފެށިގެން އެސްޓީއޯ ޕްޓްރޯލް ޝެޑާ ހަމައަށެވެ.
ވިޔަފާރި ވެރިންގެ ޖަމިއްޔާ އިން އަމިއްލަ އަށް އިސްނަގައިގެން އަހަރުތަކެއް ވަންދެން ބާއްވަމުން އައި ނައިޓް މާކެޓް ފާއިތުވި ދެ އަހަރު ބާއްވާފައި ވަނީ މާލެ ސިޓީ ކައުންސިލުން އެ މާކެޓް ބޭއްވުމަށް ހުއްދަ ދީފައިވާ ގޯމީޑިއާ އިންނެވެ. ނަމަވެސް އެ ހުއްދަ ދިނުމުގެ ކަންތައްތައް އިކޮނިމިކް މިނިސްޓްރީ އިން އަލުން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއާ ހަވާލުކޮށްފަ އެވެ.