އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމް ކޮށްގެން ބާއްވާ 2015 ވަނަ އަހަރުގެ ވޯލްޑް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމު އިއްޔެ ފުރައިފިއެވެ.

ޗައިނާގެ ސޫޖޯގައި މި އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕްގައި މިފަހަރު ރާއްޖެއިން ވާދަކުރަނީ ތިން ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެ މުބާރާތުގައި ބައިވެރިވުމަށް އިއްޔެ ޗައިނާއަށް ދަތުރުކޮށްފައިވާ ދެ ކުޅުންތެރިންނަކީ މޫސާ މުންސިފް އާއި ފާތިމަތު ޖުމާނާ ނިމާލް އެވެ.

ރާއްޖޭގެ ގައުމީ ޓީޓީ ޓީމުގެ ދެ ކުޅުންތެރިން އިއްޔެ ޗައިނާއަށް ފުރުމުގެ ކުރިން 'ސަން' އަށް ދިން އިންޓަވިއުއެއްގައި ޖުމާނާ ބުނީ ވޯލްޑް ޗެންޕިއަންޝިޕްގައި ގައުމީ ޓީޓީ ޓީމުގެ އެންމެ ބޮޑު ޓާގެޓަކީ ބައިނަލްއަގުވާމީ މުބާރާތުގެ ތަޖުރިބާ ހޯދުން ކަމަށެވެ.

"މި މުބާރާތަކީ ހަމައެކަނި އިންޑިވިޖުއަލް އިވެންޓްސް އޮންނަ މުބާރާތެއް. ބޮޑަށް ބަލާނީ މި މުބާރާތުން މެޗް އެކްސްޕީރިއެންސް ލިބޭތޯ، އެއީ އަޅުގަނޑުމެންގެ މި އަހަރުގެ އަސްލު ޓާގެޓަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް [އައިއޯއައިޖީ]. އޭގެ ކުރިން އިންޓަރނޭޝަނަލް މެޗް އެކްސްޕީރިއެންސް ލިބޭނެ ހަމައެކަނި މުބާރާތަކީ މިއީ. އެހެންކަމުން ބޮޑަށް ބަލާނީ އެކަމަށް،" ޖުމާނާ ބުންޏެވެ.

ފުރުމުގެ ކުރިން ގައުމީ ޓީޓީ ޓީމުގެ ދެ ކުޅުންތެރިން ޖުމާނާ އާއި މުންސިފް ސަން އަށް މައުލޫމާތު ދެނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

ގައުމީ ޓީޓީ ކުުޅުންތެރިޔާ މުންސިފުވެސް ބުނީ މި މުބާރާތުގެ އެންމެ ބޮޑު ޓާގެޓަކީ މެޗު އެކްސްޕީރިއަންސް ހޯދުން ކަމަށެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި ވިހާވެސް ގިނަ މެޗުތައް ކާމިޔާބު ކުރެވޭތޯ ބަލާނެ ކަމަށް އޭނާ ބުންޏެވެ.

"ޓާގެޓަކީ ގްރޫޕް ސްޓޭޖުން ގިނަ މެޗްތަކެއް ކާމިޔާބު ކުރުން. ނަމަވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކީ އައިއޯއައިޖީ އަށް ތައްޔާރު ވުމަށް މެޗް އެކްސްޕީރިއެންސް ހޯދުން. ވޯލްޑް ޗެންޕިއަންޝިޕަކީ ވަރަށް މޮޅެތި ގައުމުތަކާ ވާދަކުރަން ޖެހޭނެ މުބާރާތެއް. ގިނަ ކާމިޔާބީތަކެއް ހޯދޭނެތޯ އިނގޭނީ މުބާރާތުގެ ޑްރޯ ނެގުމުން. އެކަމު ބަލާނީ ވީހާވެސް ގިނަ މެޗްތަކެއް ކާމިޔާބު ކުރެވޭތޯ،" މުންސިފް ބުންޏެވެ.

އެ ދެ ކުޅުންތެރިންގެ އިތުރުން ވޯލްޑް ޗެންޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރާ ތިންވަނަ ކުޅުންތެރިޔާ އަދި ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕެއްގެ ދަށުން މިހާރު ހުރީ ޗައިނާގެ ޒެންގްޑިންގް ޓޭބަލް ޓެނިސް ޓްރެއިނިންގް ސެންޓަރުގައެވެ.

އެ ސްކޮލާޝިޕްގެ ދަށުން މުއީނާ ދެ މަސް ދުވަސް ޗައިނާގައި ހޭދަކުރަން ހަމަޖެހިފައި ވާއިރު، އެ ތަމްރީނުތަކުގެ ބޭނުމަކީ އައިއޯއައިޖީ އަށް ތައްޔާރުވުން ކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ވަނީ ބުނެފައެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިއަށް ގެންދާ ވޯލްޑް ޓީޓީ ޗެންޕިއަންޝިޕަކީ އެ މުބާރާތުގެ އިންޑިވިޖުއަލް ޑިވިޝަންގެ 54 ވަނަ އެޑިޝަން އެވެ. އެ މުބާރާތުގައި މިފަހަރު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ޖިންސުގެ އިންޑިވިޖުއަލް އަދި ޑަބަލްސް އިވެންޓު ތަކުގެ އިތުރުން، މިކްސްޑް ޑަބަލްސް އިވެންޓުތަކާއެކު މުޅިއަކު ފަސް އިވެންޓެވެ.