ދައުލަތުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ރަމަޟާން މަހުގެ އިނާޔަތް ކޮންމެ މީހަކަށް ވެސް ހަމަހަމަކޮށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް މާލިއްޔަތު ކޮމެޓީން ފަށައިފި އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މަޝްވަރާ ކުރެއްވުމަށްފަހު ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން އެ މައްސަލާގައި ގޮތެއް ނިންމަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ކޮމެޓީ ބައްދަލުވުމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ 15،000 ރުފިޔާގެ މުސާރަ ލިބޭ މީހުންނަށް ރޯދަ މަހުގެ އިނާޔަތް ދޭކަށް ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަކީ ވަރަށް ބޭއިންސާފުން ކުރަމުންދާ ކަމެއް ކަމަށާއި ވަޒީފާ ނެތް މީހަކަށް ލިބޭ އިނާޔަތެއް ނެތް ކަމަށެވެ.

"އެބަޖެހޭ ދިހަ ހާސް ރުފިޔާއަށް ވުރެއް މަތީން ލިބޭ މީހުންނަށް ލިބޭ ރޯދަ މަހުގެ އިނާޔަތްތައް ކަނޑާލާފައި ދެވެން އޮތިއްޔާ ނިކަމެތިންނަށް ރޯދަ މަހުގެ އިނާޔަތްތައް ދޭން. މިއެއް ނޫންތޯ މިކަން ހިނގަން ޖެހޭނެ ގޮތަކީ. އެކަމަކު މި ގައުމުގައި މިކަން މިހިނގަނީ މުޅިން ހިލާފަށް. މުޅިން އިދިކޮޅަށް. ވަޒީފާ އޮތް މީހާއަށް ގިނަ މުސާރަ ލިބޭ މީހާއަށް ބޮޑު ބައި. މިއީ މިކަން ހިނގާ ގޮތަކީ. ކެރެންޏާ ހިނގާ މިކަން ކޮށްލަމާ. އަޅުގަނޑުމެން މި ހުރީ މިކަން ކުރާ ގޮތަށް. ދިހަ ހާސް ރުފިޔާއަށް ވުރެއް މަތީން ދައުލަތުން މުސާރަ ދޭ ކޮންމެ މީހަކަށް ރޯދަ މަހުގެ އިނާޔަތް ދޭކަށް ނުޖެހޭނެ. ނިކަމެތިން ވެސް ހަމަ ރޯދަ ހިފަނީ. އެ މީހުންނަކަށް އަޅާލުމެއް ނެތްތޯ. މި މަޖިލީހުގެ މެމްބަރުންނަށް ރޯދަ މަހުގެ އިނާޔަތައް ލިބޭ ދިހަ ހާސް ރުފިޔާ،" ގަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަހުގެ އިނާޔަތްތައް ދިނުމުގައި އާންމު މީހުންނެކޭ ބޮޑު މުސާރަ ލިބޭ މީހުންނެކޭ އެއްވަރު ވާންޖެހޭނެ ކަމަށެވެ.

ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ރޯދަ މަހުގެ އިނާޔަތްތައް ހަމަހަމަ އުސޫލުން ދިނުމަކީ ގަބޫލު ކުރާ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ކުރަމުން އަންނަ އުސޫލަކީ ކޮބައިކަން ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެއީ ގާނޫނަކުން ލިބެމުން އަންނަ އެއްޗެއްކަމުން ގާނޫނަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ބަލަމާ ހިނގާ ދައުލަތުގެ މުއައްސަސާތަކުން އިނާޔަތުގެ ގޮތުން މީހުންނަށް ދޭ ފައިސާގެ ތެރެއިން ނިސްބަތުން ކޮން ލެވަލެއްގެ މީހުންނަށް ކިހާވަރެއްތޯ ލިބެނީ. އެއެއް ބަލައިލާފައި ތިކަމަށް ވާހަކަދެއްކުން ހަމަ ވަރަށް ރަނގަޅު. ދެން އަޅުގަނޑުމެންނަށް ތިޔަށް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލެއް ގެނެސްގެން. ގާނޫނުން އަޅުގަނޑުމެންނަށް އެކަން ކުރެވޭނެތޯ ބަލަން ވެސް އެބަޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގާނޫނަށް ގެންނަންޖެހޭ ބަދަލެއް އޮތް ކަމުގައި ވިއަސް އެއަށް ބަދަލެއް ގެނައުމަށްފަހު ވެސް ރޯދަ މަހުގެ އިނާޔަތް އެއް ހަމައަކުން ދޭން ޖެހޭނެ ކަމަށެވެ.