މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް އެހެން އިމާރާތަކަށް ބަދަލު ކުރަން ޖެހޭތީއާއި ބަދަލު ކުރަން ޖެހޭ އިމާރާތުގެ ހާލަތު ހުރި ގޮތުން އެތަނުން ދޭ ޚިދުމަތްތައް ގިނަ ދުވަސްތަކަށް މެދުކެނޑިދާނެ ކަމަށް އެކައުންސިލުން ބުނެފިއެވެ.

ސިޓީކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި މޭޔަރު މުޙައްމަދު ޝިހާބު ވިދާޅުވީ، ސިޓީ ކައުންސިލް މިހާރު ހިނގަމުން އަންނަ އިމާރާތް ސަރުކާރަށް ނަގައި، ހުރަވީ ބިލްޑިންގަށް މަސައްކަތްތައް ބަދަލު ކުރަން ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެ އިމާރާތުގެ ހާލަތު ހުރި ގޮތުން އެތަނަށް މަސައްކަތްތައް ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"... އެތަނުގެ ހާލަތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެތަން ހަދައިގެން ދެވޭނީ، ދެން އިމާޖެންސީގައި ބަޔަކު ނުކުމެގެން، އަޅުގަނޑުމެން އާއްމު އުސޫލެއްގައި ވެއްޖެއްޔާ ޖެހޭނީ އެކަންތައްތައް އައުޓްސޯސް ކުރަން. އިއުލާނެއް އެބަ ކުރަން ޖެހޭ ގަވާއިދު ބުނާ ގޮތުން ވިއްޔާ އޭސީއެއް ހަރުކޮށްލަން ޖެހުނަސް. އަޅުގަނޑުމެންގެ އޭގެ މީހުނެއް ނެތް. އެހެންވީމާ ހަމަ މަސްތަކެއް ވެސް ވެގެން ހިނގައިދާނެ އިނގޭތޯ،" އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުން މަސައްކަތް ކިހާ ދުވަހަކަށް މެދުކެނޑިދާނެތޯ ދެންނެވުމުން ޝިހާބު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ސަމާޢު ޝަރީފު ވިދާޅުވީ، ހައުސިން މިނިސްޓްރީން މިހާރު ދައްކާފައިވާ އިމާރާތް ހުރި ހާލަތަށް ބަލާއިރު އެތަނުގައި މަސައްކަތްތައް ފެށުމަށް ޓަކައި އަލަށް އިމާރާތެއް ގާއިމް ކުރުމަށް ކުރާހާ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ސިޓީކައުންސިލްގެ ހިދުމަތް މެދުކެނޑިދާނެތީ މާލޭގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ވިދާޅުވީ އެހެން ނަމަވެސް އެކަމުގެ ޒިންމާ އުފުއްލަން ޖެހޭނީ ސަރުކާރުން ކަމަށެވެ.

" މިކަމުގައި ރައްޔިތުންނަށް ލިބިދާނެ ދަތިކަމަކަށްޓަކައި އަޅުގަނޑުމެން މައާފަށް އެދެން. އެހެން ނަމަވެސް މިކަމަކީ އަޅުގަނޑުމެންގެ ބާރުން ކުރެވޭ ކަމެއް ކަމަށް ވަންޏާ ރައްޔިތުންނަށް ދަތި ނުވާ ގޮތަކަށް މިކަންތައްތައް ކުރާނަން. އެހެން ނަމަވެސް މިކަމުގައި ސަރުކާރުން މިހާރު މިއޮތީ ވަކި މުއްދަތެއް ދެއްވާފައި. އެހެންވީމާ މިކަމުގައި ޒިންމާ ނަންގަވަން ޖެހޭނީ ސަރުކާރުގެ ފަރާތުން،" އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީކައުންސިލްގެ ދަށުގައި ހުރި ބައެއް ތަންތަން ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ ހޯމަ ދުވަހުއެވެ. އެ ނިންމުމާ އެއްގޮތަށް މިހާރު ވެސް ވަނީ ބައެއް ތަންތަން ސަރުކާރަށް ނަގާފައެވެ. އެގޮތުން ސިޓީ ކައުންސިލްގެ އިދާރާ ހުންނަ ބިއްލޫރިޖެހިގޭގައި ހުސްކޮށް އޮތް ބިންތައް މިހާރު ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް ( އެމްއެންޑީއެފް) އިން ބޭނުންކުރަންފަށާފައެވެ.