ޓީއެމްއޭގެ 300 އަށްވުރެ ގިނަ މުއްޒަފުންނާއެކު އެ ކުންފުނީގެ އަހަރީ އެންމެ ބޮޑު މުބާރާތް ކަމުގައިވާ "ޓީއެމްއޭ ފުޓްސަލް ޓޯނަމެންޓް" މިއަދު ފަށައިފިއެވެ.

ޓީއެމްއޭ ދަނޑުގައި މިއަދު ފެށި އެ މުބާރާތުގައި ޖުމްލަ 23 ޓީމުން ބައިިވެރި ވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މުބާރާތުގެ މެޗުތައް ކޮންމެ ދުވަހަކު ކުޅުމަށް ހަމަޖެހިފައިވާ އިރު އެ މުބާރާތް މިމަހު އެއްކޮށް ކުރިއަށް ދާނެ ކަމަށްވެސް ޓީއެމްއޭ އިން ބުންޏެވެ.

އެމުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއް އަނެއް ޓީމަކާ ވާދަ ކުރާނެއެވެ. އަދި ހުރިހާ ޓީމަކާ ވާދަކުރުމަށްފަހު އޭގެތެރެއިން އެންމެ މޮޅު އަށް ޓީމެއް ކުއާޓާ ފައިނަލަށް ދާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެފައިވާއިިރު އެ މެޗުގައި ބައްދަލު ކޮށްފައިވަނީ ބަނާނާ ބޯއިޒް އާއި ދަ ވައިކިންސް އެވެ. އެ މެޗު، 8-2 އިން ކާމިޔާބު ކޮށްފައިވަނީ ވައިކިންސް އެވެ.

އޭޕްރިލް 22، 2015: ޓީއެމްއޭ ފުޓްސެލް މުބާރާތް ފެޝުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަ ވައިކިންސްގެ ހަސަން ރައުޝަން އެވެ.

މިއަދު ފެށި ޓީއެމްއޭ ފުޓްސަލް ޓޯނަމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ޓޯނަމެންޓް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާން، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެފަދަ ޓޯނަމެންޓެއް ބޭއްވުމުގެ ބޭނުމަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި އެކުވެރިކަން އިތުރު ކުރުން ކަމަށެވެ.

މިއަދު ފެށި ޓީއެމްއޭ ފުޓްސަލް ޓޯނަމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުގެ މެޗު ބަލަން ގޮސްފައިވާ ފަރާތްތަކުގެ މެދުގައި ވަނީ ހާއްސަ ލަކީ ޑްރޯއެއް ބާއްވާފައެވެ. އަދި ނަސީބުވެރި ތިން ފަރާތަކަށް ވަނީ ހާއްސަ ގިފްޓް ހެމްޕާ އެއް ލިބިފައެވެ.