ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްސޭރި ޖަލަށް ބަދަލުކޮށްފައިވާ އިރު އެތަނުގެ ހާލަތު ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރްސީއެމް)ގެ ޓީމެއް އެ ޖަލަށް ޒިޔާރަތްކޮށްފި އެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދު އައްސޭރި ޖަލަށް ބަދަލުކުރުމުން އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޓީމެއް އިއްޔެ އަސްސޭރި ޖަލަށް ގޮސް އެތަނުގެ ހާލަތު ބަލާފައިވާ ކަމަށެވެ.

"ޒިޔާރަތްކުރީ ކުރިން ކަމާ ގުޅޭ ފަރާތްތަކުން ވިދާޅުވެފައި ވަނީ އެހެން ޖަލަކަށް ބަދަލު ކުރާ ވާހަކަ ދެއްތޯ، މާފުށީ ޖަލުގެ ހާލަތު ކޮމިޝަނުން ބަލާފައި ވަނީ ކުރިން. ދެން ކުއްލިއަކަށް އެހެން ތަނަކަށް ބަދަލުކުރީމާ އެހެންވެ އެތަނުގެ ހާލަތު ބަލަން ވިޒިޓްކުރީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެތަނުގެ ހާލަތާ ގުޅޭ ގޮތުން ސަން އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ފެނުނު ކަންކަން އަދި ހާމަ ކުރެވެންނެތް ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު ހައްޔަރު ކުރިފަހުން ކުރިން ބަހައްޓާފައި ހުންނެވީ ދޫނިދޫގަ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ޚާއްސަ ތަނެއް މާފުށީ ޖަލުގައި ތައްޔާރުކުރެވެންދެން އެމަނިކުފާނު ބަހައްޓާނީ ދޫނިދޫގައި ކަމަށެވެ.

ރައީސް ނަޝީދު ބަހައްޓާނެ ޚާއްސަތަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.