ރާއްޖޭގެ އިންޑަސްޓްރީތަކަށް ބޭނުންވާ ސޮފްޓްވެއާ އާއި ޕްރޮގްރާމްތައް ޑިވެލޮޕް ކުރުމަށް ސައިރިކްސް އިން ކުންފުޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ސައިރިކްސް ކޮލެޖުގެ "ސްކޫލް އޮފް މަލްޓިމީޑިއާ އާޓްސް އެންޑް ޑިޒައިން" ކެމްޕަސްގައި މިއަދު އޮތް ރަސްމިއްޔާތުގައި ސައިރިކްސް އިން އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސްރީލަންކާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އިވޯލްވް ޓެކްނޮލޮޖީސް އާއެވެ.

ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފެވެ. އިވޯލްވްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކޭޕީއެލް ޕިންޓޯ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކަށް ބޭނުންވާ ސޮފްޓްވެއާ އާއި އެޕްލިކޭޝަން އެ އެއްބަސްވުމުގެ ސަބަބުން ދޭން ފަށާނެ ކަމަށެވެ.

ސައިރިކްސް ކޮލެޖުގެ ދަރިވަރުންނަށް އައިޓީ ސްޕެޝަލިސްޓުންގެ ގޮތުގައި ކުރިއަށް ދިޔުމަށް ފުރުސަތު ހުޅުވިގެންދާއިރު އައިޓީ ދާއިރާއިން ކުރިއަށް ދިޔުމަށް ގިނަ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިވޯލްވް ޓެކްނޮލޮޖީސްގެ ސީއީއޯ ވިދާޅުވީ އެ ކުންފުނީގެ ބޭނުންތަކައް އަމިއްލަ ސޮފްޓްވެއާ އާއި ޕްރޮގްރާމްތައް އުފައްދާއިރު މިއަދު ސޮއި ކުރެވުނު އެއްބަސް ވުމާ ގުޅިގެން އެ ކޮލެޖުގައި ކިޔަވާ ކުދިންނަ ވަޒީފާގެ ފުރުސަތު އެ ކުންފުނިން ފޯރު ކޮށްދެއްވާނެ ކަމަށެވެ.

ރާއްޖޭގެ ބޮޑެތި ކުންފުނިތަކަށް އެ ޕްރޮގްރާމް އާ މެދު މައުލޫމާތު ދިނުމަށް ހާއްސަ ސެމިނާއެއް ކައިރި މުސްތަގުބަލުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.