ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލްގައި ބަޔާން މިޔުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ ކުރިން ކޯޗުކޮށްދިން ބާސެލޯނާއާ ދެކޮޅަށް ނިކުންނަން ޖެހުނުއިރު ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޯއްޓީ އޭނާ ކުރިން ކޯޗުކޮށްދިން ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

ސްވިޒަލޭންޑްގެ ނިޔޮންގައި ބޭއްވި ޔޫއެފާ ޗެމްޕިއަންސް ލީގު ގުރުނެގުމުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިއަދު ސްވިޒަލޭންޑްގެ ނިޔޮންގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ބަޔާން މިޔުނިކާ ބާސާ ބައްދަލު ކުރަންޖެހުނު އިރު، މިއީ ކުރިން ބާސެލޯނާގެ ކޯޗަކަން ހުރި ގާޑިއޯލާ އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ނިކުންނަ ފުރަތަމަ މެޗެވެ.

މީގެ ކުރިން މިދެޓީމް އަށްފަހަރު މަތިން ބަދަލުކުރި އިރު ބަޔާނުން ވަނީ ބާސާގެ މައްޗަށް ފަސް ފަހަރު ކާމިޔާބު ހޯދާފައެވެ. ބާސާ އެއް މެޗުން މޮޅުވެފައިވާއިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ބަޔާނުން ބާސާގެ ކޮޅަށް 15 ލަނޑު ޖަހާފައިވާއިރު ބާސެލޯނާއިން ޖަހާފައިވަނީ ނުވަ ލަނޑެވެ.

ބާސާގެ ކޯޗުކަމުގައި ގާޑިއޯލާ ހޭދަކުރި ހަތަރު އަހަރުގައި އޭނާވަނީ އެޓީމަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައެވެ. އެއީ 2009 ވަނަ އަހަރާއި 2011 ވަނަ އަހަރުގައެވެ.

ސްވިޒަލޭންޑްގެ ނިޔޮންގައި ބޭއްވި ޔޫއެފާ ޗެމްޕިއަންސް ލީގު ގުރުނެގުމުގެ ތެރެއިން --- ފޮޓޯ/ އޭޕީ

2013 ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލްގެ ދެ މެޗުވެސް ކާމިޔާބުކޮށް ބަޔާނުން ވަނީ 7-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާގެ މައްޗަށް ކާމިޔާބު ހޯދާފައެވެ. ފުރަތަމަ ލެގްގައި ބަޔާނުން 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދިއިރު ދެ ވަނަ ލެގް ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އޭނާ ގެ ކުރީގެ ޓީމާ ދެކޮޅަށް ނިކުންނަން ޖެހުމުން ގާޑިއޯލާ ބުނީ ބާސެލޯނާއަކީ އޭނާގެ ގެ ކަމަށާއި އެޓީމާ ދެކޮޅަށް ނިކުންނައިރު އެޓީމް ރަނގަޅަށް އެނަލައިސް ކުރާނެ ކަމަށެވެ.

"ބާސާއަކީ މިވަގުތު އެންމެ ރަނގަޅު ޓީމް. އަހަރެން ހައިރާނެއް ނުވޭ. އެންރީކޭ [ބާސެލޯގެ ކޯޗް] ގެ ކިބައިގައި ވަރަށް ގިނަ ކޮލިޓީތައް އެބަހުރި. އެއީ ވަރަށް ވަރުގަދަ ކޯޗެއް. އޭނައާ ކުރިމަތިލާން ޖެހުމުން އަހަރެން އުފާވޭ،" ގާޑިއޯލާ ބުންޏެވެ.

ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ: މިއީ އޭނާ ކުރީގެ ޓީމް ބާސާއާ ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރު --- ފޮޓޯ/އޭޕީ

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިފަހަރު ބާސާ އަށާއި އޭނައަށް މިއީ ޚާއްސަ ސެމީފައިނަލެއް ކަމަށެވެ. ސަބަބަކީ ގާޑިއޯލާ ވެސް ބާސާއާ ދެކޮޅަށް ނުކުންނައިރު އޭނާ ވެސް އެކުވެރިޔާއާ ދެކޮޅަށް ނިކުންނަންޖެހޭތީ ކަމަށް އޭނާބުންޏެވެ.

އެންރީކޭ ބުނީ ފުރަތަމަ ލެގްގެ މެޗު އަމިއްލަ ދަނޑުގައި ކުޅެން ޖެހުނަސް އެއީ އެހާ މުނިންމު ކަމެއް ނޫން ކަމަށެވެ. އޭނާ ވިސްނަނީ ދެ މެޗުންވެސް މޮޅުވެގެން ފައިނަލަށް ދިޔުމަށް ކަމަށް ވެސް އެންރީކޭ ބުންޏެވެ.

ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ: އޭނާ ބުނަނީ މިއީ އެކުވެރިޔާއާ ދެކޮޅަށް ނިކުންނަ ފަހަރުކަމަށް --- ފޮޓޯ/އޭޕީ

ބަޔާނާ ދެކޮޅަށް ބާސާ ފުރަތަމަ ނިކުންނާނީ އަމިއްލަ ދަނޑު ކޭމްޕް ނޯ ގައި އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ. ދެ ވަނަ މެޗު އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނާނީ ބަޔާންގެ އެލެންޒް އެރީނާ ސްޓޭޑިއަމްގައެވެ.

ބަޔާން މިޔުނިކްގެ މިޑްފީލްޑާ ތިއާގޯ އަލްކަންޓާރާ: މިއީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރަފިއާނާއާ ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރު --- ފޮޓޯ/ލިބާޓެޑް ޑިޖިޓަލް

މިމެޗް ޚާއްސަ ވެގެންދަނީ ހަމައެކަނި ގާޑިއޯލާއަށް އެކަންނެއް ނޫނެވެ. މިމެޗް ޚާއްސަވާ އަނެއް ދެކުޅުންތެރިންނަކީ އަލްކަންޓާރާގެ ދެބެންނެވެ. މިމެޗަކީ ބާސާގެ އެކަޑާމީން ތަމްރީނު ވެގެން ނިކުތް އެއްބަނޑު އެއްބަފާ ދެބެއިން އެކަކު އަނެކަކާ ވާދަކުރާ ފުރަތަމަ ފަހަރެވެ.

ބާސާގެ މިޑްފީލްޑާ ރަފޭލް އަލްކަންޓާރާ ނުވަތަ ރަފިއާނާ: މިއީ އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ ތިއާގޯ އާ ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރު --- ފޮޓޯ/އިމޭޖަރކާޑް

ބާސާ ފައިނަލަށް ދިޔައީ ކުއާޓާ ފައިނަލްގައި 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ފްރާންސްގެ ޕީއެސްޖީ ބަލިކުރުމަށްފަހުގައެވެ. ފުރަތަމަލެގް ޕީއެސްޖީގެ ދަނޑުގައި 3-1 ގެ ނާތީޖާއަކުން ބާސާ މޮޅުވިއިރު ދެވަނަ ލެގް އަމިއްލަ ދަނޑުގައި ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ބަޔާން ފައިނަލަށް ދިޔައީ ޕޯޗުގަލްގެ ޕޯޓޯއާ ބައްދަލުކޮށް 7-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ޕޯޓޯ މޮޅުވިއިރު ދެވަނަ މެޗު އަމިއްލަ ދަނޑުގައި ބަޔާން މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ.

ގާޑިއޯލާއަށް އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ނިކުންނަން ޖެހޭއިރު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗޮލެއްޓީވެސް ސެމީފައިނަލްގައި ނިކުންނަނީ އޭނާގެ ކުރީގެ ޓީމް ޔުވެންޓަސްއާ ދެކޮޅަށެވެ.

މިއީ 1999 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޔުވެންޓަސްގެ ކޯޗްކަމުގެ މަގާމު އަދާކުރި އެންޗޮލެއްޓީ އިޓަލީން ބޭރު ޓީމެއް ގޮވައިގެން ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރެވެ.

ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮއްޓީ: މިއީ އިޓަލީއިން ބޭރު ޓީމެއް ގޮވައިގެން އޭނާ ކުރީގެ ކުލަބް ޔުވެންޓަސްއާ ދެކޮލަށް ނިކުންނަ ފުރަތަމަ ފަހަރު --- ފޮޓޯ އޭޕީ

ގުރު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑްގެ ޑައިރެކްޓަރ އެމީލީއޯ ބްޓްރަގޭނިއޯ ވިދާޅުވީ ޔުވެންޓަސްއަކީ ވަރަށް ވާދަވެރި ޑިފެންސްގައި ވަރުގަދަ ކުޅުމެއް ކުޅޭ ޓީމެއްކަމަށެވެ. އަދި އެޓީމަކީ ޓެކްޓިކަލީވެސް މެޗުން މޮޅުވުމަށްޓަކައި ވީއެންމެ ބޮޑަށް މަސައްކަތް ކުރާ ޓީމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރެއާލްއާ ޔުވެންޓަސް ބައްދަލު ކުރާ މެޗްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ، ކުރިން އެޓީމްގެ ފޯވަޑް އަލްވާރޯ މަރޯޓާއާ ބެހޭގޮތުން ބްޓްރަގޭނިއޯ ވިދާޅުވީ މިސީޒަންގައި މަރޯޓާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އޭނާ ދައްކަމުންދާ މޮޅުކުޅުމާ ހުނަރުވެރިކަމުން ތަރުހީބު ހައްގުކަމަށެވެ.

ޔުވެންޓަސްގެ ފޯވަޑް އަލްވާރޯ މަރޯޓާ އަތުން ބޯޅަ ހޯދުމަށް މޮނާކޯގެ ކުޅުންތެރިން މަސައްކަތް ކުރަނީ: މިއީ އޭނާ ކުރީގެ ކުލަބް ރެއާލް މެޑްރިޑާ ދެކޮޅަށް މިކުންނަ ފުރަތަމަ ފަހަރު --- ފޮޓޯ/ އޭޕީ

ޔުވެންޓަސްގެ ޑައިރެކްޓަރ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕަވޭލް ނެޑްވިޑް ވިދާޅުވީ އިޓާލީ ފުޓްބޯޅައަށް ޚާއްސަ އަދި ތާރީޚީ ކާމިޔާބެއް ހޯދައިދޭން ބޭނުންވާކަމަށާއި ޔުވެންޓަސް ކުޅޭނީ އަމިއްލަ ފުޓުބޯޅައެއް ކަމަށެވެ.

މީގެކުރިން ޔުވެންޓަސްއާ ރެއާލް މެޑްރިޑް 16 ފަހަރު ބައްދަލުކޮށްފައިވާއިރު ރެއާލް މެޑްރިޑް ވަނީ އަށް މެޗުން މޮޅުވެފައެވެ. ޔުވެންޓަސް މޮޅުވީ ހަތް މެޗުންނެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މި 16 މެޗުގެ ތެރެއިން މޮޅުވުމުގެ ރެކޯޑް ރެއާލް އަތުގައި އޮތް ނަމަވެސް ލަނޑުގެ ރެކޯޑުން މޮޅުވެފައިވަނީ ޔުވެންޓަސްއެވެ. އެގޮތުން އެޓީމް ވަނީ ޖުމުލަ 18 ލަނޑު ރެއާލް ކޮޅަށް ޖަހާފައެވެ. ރެއާލްއިން ޔުވެންޓަސްކޮޅަށް ޖަހާފައިވަނީ 16 ލަނޑެވެ.

ސެމީ ފައިނަލް މެޗްގައި މިދެޓީމް ބައްދަލު ކުރާ ފުރަތަމަ މެޗް މެއި މަހު ހަ ވަނަ ދުވަހު އޮންނާނީ ޔުވެންޓަސްގެ ސްޓޭޑިއަމްގައެވެ. ދެވަނަ ލެގް މެއި 12 ވަނަ ދުވަހު އޮންނާނީ ރެއާލްގެ ސެންތިއާގޯ ބޭރަނަބެއު ސްޓޭޑިއަމްގައެވެ.

ސްވިޒަލޭންޑްގެ ނިޔޮންގައި ބޭއްވި ޔޫއެފާ ޗެމްޕިއަންސް ލީގް ގުރުނެގުމުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރެއާލް ސެމީ ފައިނަލަށް ދަތުރުކުރީ ވާދަވެރި އެތްލެތީކޮ މެޑްރިޑް 1-0 ގެ ނަތީޖާއަކުން ބަލި ކުރުމަށްފަހުގައެވެ. ފުރަތަމަ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ރެއާލް މޮޅުވީ އެތްލެޓިކޯގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގްގެ މެޗުންނެވެ.

ޔުވެންޓަސް ސެމީފައިނަލަށް ދިޔައީ ކްއާޓާފައިނަލްގައި ފްރާންސްގެ މޮނާކޯ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ. ފުރަތަމަ މެޗް އަމިއްލަ ދަނޑުގައި ކުޅެ މޮޅުވިއިރު މޮނާކޯގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގްގެ މެޗް ނިމުނީ އެއްވަރު ވެގެންނެވެ.