26 Apr 2015, 10:06
ސަންޢާ (އެޕްރީލް 26): ޔަމަނާބެހޭގޮތުން އދ.ން ފާސްކޮށްފައިވާ ގަރާރުތަކަށް އިޖާބަ ދިނުމަށް އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގޮވާލެއްވި ގޮވާލެއްވުމަށް ހޫޘީ ލީޑަރުން ދެކޮޅު ހަދައިފިއެވެ.
ސާލިޙް ގޮވާލެއްވީ ވެރިރަށް ސަންއާ އާއި އެނޫން ރަށްތަކުން ހޫޘީ ހަނގުރާމަވެރިން ފޭބުމަށެވެ. މިތަންތަނުން ފައިބައި ހަތިޔާރު ބެހެއްޓުމަކީ އދ.ގެ ގަރާރުތަކުގައި ހޫޘީންނަށް ލާޒިމް ކުރާކަމެކެވެ.
މިކަމަށް ދެކޮޅު ހަދަމުން ހޫޘީންގެ އިސް ލީޑަރެއްކަމަށްވާ މުހައްމަދުލް ބަޚްތީ ބުނީ، ސާލިޙްގެ ގޮވާލުމަކީ ޔަމަނަށް އަސްކަރީ ގޮތުން ވެދެގެންފައިވާ ސައޫދީ އަރަބިޔާއަށް އަމާން ދިނުންކަމުގައެވެ. ބަޚްތީ ބުނީ ސައޫދީއަށް އަމާން ނުދޭނެ ކަމަށާއި ސަންއާ އާއި އެނޫން ރަށްތަކުންވެސް ހޫޘީން ނުފައިބާނެ ކަމުގައެވެ.
ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ހޫޘީ ޖަމާއަތަށް އެހީވާ މައިގަނޑު ފަރާތަކީ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އެވެ. ޔަމަންގެ ސިފައިންގެ ބޮޑުބައެއްގެ ކޮންޓްރޯލް އޮންނަނީ އަލީ އަބްދުﷲ ސާލިޙަށެވެ. ސާލިޙް ވަނީ ޔަމަންގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށްޓަކައި ވެރިރަށް ސަންއާ އާއި އެނޫން ރަށްތަކުން ހޫޘީން ފޭބުމަށާއި ވައިގެ ޙަމަލާތައް ހުއްޓާލުމަށް ސައޫދީ އަރަބިޔާއަށްވެސް ގޮވާލައްވާފައެވެ. ނަމަވެސް ސައޫދީންވެސް ސާލިޙްގެ ގޮވާލެއްވުމަށް އިޖާބަ ދީފައެއްނުވެއެވެ.
ސައޫދީން ވަނީ ހޫޘީންގެ އަމާޒުތަކަށް ތިން ހަފްތާވަންދެން ހަމަލާތައްދިނުމަށްފަހު އެޙަމަލާތައް ހުއްޓާލިކަން އިޢުލާނުކޮށްފައެވެ. ނަމަވެސް އެއަށްފަހު އަނެއްކާވެސް ސައޫދީ ވައިގެ ބާރުތަކުންވަނީ ޙަމަލާތައް އަލުން ފަށާފައެވެ. (ރޮއިޓާސް)