ނޭޕާލްގައި ތިބި ދިވެހި ކިޔަވާކުދިން ވަގުތީގޮތުން ރާއްޖެ ގެނައުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ 'ސަން' އަށް ވިދާޅުވީ މިހާތަނަށް ބެލިއިރު ނޭޕާލުގައި 100 ވަރަކަށް ދިވެހި ކިޔަވާކުދިން ތިބިކަމަށް އެނގިފައިވާ ކަމަށެވެ. އެކުދިން ރާއްޖެ ގެނައުމުގެ އިންތިޒާމްތައް ހަމަޖައްސަނީ ވަގުތީގޮތުން ރާއްޖެ އައުމަށް އެކުދިން އެދެމުންދާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ބިންހެލުން އައުމާ އެކު ނޭޕާލުގައި ހުރި ރާއްޖޭގެ އޮނަރަރީ ކޮންސަލް މެދުވެރިކޮށް ކިޔަވާކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެކަން ހިނގީއްސުރެ ފައްޓައިގެން އަޅުގަނޑުމެންނަށް ނަންބަރުތައް ލިބިފައިހުރި ކުދިންނަށް ގުޅޭވަރަކުން ގުޅައިގެން ހާލުބަލަމުން މިދަނީ. ދެން އެކޮޅުގައި އެބަހުންނެވި ރާއްޖޭގެ އޮނަރަރީ ކޮންސަލްއެއް. ނޭޕާލްގެ ބޭފުޅެއް. އެތަނުގެ ފުދޭވަރަކަށް ޕަވާފުލް ބޭފުޅެއް. އޭރުއްސުރެ ފައްޓައިގެން އެބޭފުޅާ އެތާ އެކި ހިސާބުތަކުގައި ތިބި ކުދިންނަށް ފެނާއި ކާބޯތަކެއްޗާއި ބްލެންކެޓާއި ޓެންޓާ އެއްޗިހި ފޯރުކޮށްދެމުން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނޭޕާލުގައި ބައެއް ކުދިން އަޅާލާނެ ބައެއްނެތި ހާލުގައި ޖެހިފައިވާކަމަށް ބުނެ ސޯޝަލް މީޑިއާތަކާއި ބައެއް މިއާތަކުގައި ޚަބަރު ފަތުރަމުންދާ ކަމަށާއި އެހެންނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެއްވެސް ދިވެހިރައްޔިތެއް އަޅުގަނޑަކަށް ހިޔެއްނުވޭ ހާލުގައި ޖެހިގެން ދިވެހި ސަރުކާރުގައި އާދޭސްކުރަންޖެހޭނެހެން. އަބަދުވެސް މިކަހަލަ ކޮންމެ ސިޑުއޭޝަނެއްގައި ވެސް ކުރެވޭނެ އެންމެ ރަނގަޅަކަށް ސަރުކާރުން އޮންނާނީ ކޮށްދީފަ. މިހާރުވެސް ނޭޕާލްގައި ތިބި ދަރިވަރުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި އެދަނީ ކުރިއަށް،" އޮފިޝަލް ވިދާޅުވި އެވެ.

ނޭޕާލްގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ދިވެހި ކިޔަވާކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ބިންހެލުމުގެ ސަބަބުން އަނިޔާއެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ހުރިހާ ކިޔަވާކުދިންނާއި އެކުދިންގެ އާއިލާތައް ވެސް ތިއްބެވީ ގަދަވެ ހެޔޮހާލުގައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ނޭޕާލްގައި ތިބި ދިވެހި ކިޔަވާކުދިންނާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް އެކުންދިންގެ އާއިލާގެ ފަރާތްތަކުން އޮޅުންފިލުވަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުއްވުމަށް އެމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.