27 Apr 2015, 01:56
ރޭ ޖަރުމަންގެ ބުންޑެސް ލީގާގެ ތާވަލްގެ ދެ ވަނައިގައި އޮތް ވޮލްފްސް ބާގް ތިން ވަނައިގައި އޮތް މޮންޗެންގްލެބާޗް އަތުން 1-0 ގެނަތީޖާއަކުން ބަލިވުމުން "ކުޅިބަލަން ތިބީ" ބަޔާން މިޔުނިކަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވެއްޖެ އެވެ.
ރޭގެ މެޗްގައި ވޮލްފްސް ބާގް މޮޅުވިނަމަ، 76 ޕޮއިންޓްލިބިގެން 15 ޕޮއިންޓްގެ ބޮޑު ލިޑަކާއެކު ތާވަލްގެ އެއް ވަނައިގައި އޮތް ބަޔާންއަށް ޗެމްޕިއަންކަން ކަށަވަރު ކުރުމަށް އިތުރު ހަފުތާއަކަށް މަޑުކުރަން ޖެހޭނެ އެވެ.

ވޮލްފްސް ބާގާއި މޮންޗެންގްލެބާޗް ކުޅުނު މެޗްގައި ލަނޑުޖެހުމަށްފަހު ގްލެބާޗްގެ މެކްސް ކުރޫޒް އުފާ ކުރަނީ --- ފޮޓޯ/ އޭޕީ
ނަމަވެސް ހޮނިހިރު ދުވަހު ހާތާބާލިންގްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން މޮޅުވެ ރޭ ވޮލްފްސްބާގް ބަލިވުމުން ބަޔާންވަނީ ޖެހިޖެހިގެން ތިން ސީޒަންގައި ބުންޑެސް ލިގާގެ ޗެމްޕިއަންކަން ހޯދައި 25 ވަނަ ފަހަރަށް ބުންޑެސްލީގާގެ ތަށި ކަށަވަރުކޮށްފަ އެވެ.
ރޭގެ މެޗްގައި ގްލެބާޗްގެ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އެންމެ ފަހު މިނެޓް ތެރޭގައި ފޯވަޑް މެކްސް ކުރޫޒެވެ.
ބަޔާންއަށް މިފަހަރު ބުންޑެސް ލީގާގެ ޗެމްޕިއަން ލީގާ ކަށަވަރުވުމުން އެ ޓީމުގެ ކޯޗް ގާޑިއޯލާއަށް ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ހަ އަހަރުގައި ޤައުމީ ފެންވަރުގެ ފަސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ ބާސެލޯނާއާއެކު ތިން މުބާރާތާއި ބަޔާން މިޔުނިކާއެކު ދެ މުބާރާތެވެ.

ވޮލްފްސްބާގާއި މޮންޗެންގްލެބާޗް ކުޅުނު މެޗުން ވޮލްފްސް ބާގްބަލިވުމުން އެޓީމް ކުޅުންތެރިން މާޔޫސްވެފައި. އެޓީމް ބަލިވުމުން ބަޔާންއަށް ވަނީ ލީގްގެ ޗެމްޕިއަންކަން ކަށަވަރު ވެފައި --- ފޮޓޯ/އޭޕީ
މިސީޒަންގެ ބުންޑެސް ލީގުގެ ޗެމްޕިއަންކަން ބަޔާން ހޯދިއިރު އެ ޓީމް ވަނީ ޖަރުމަން ކަޕާއި ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ.
ލީގުގެ ޗެމްޕިއަންކަން ބަޔާންއަށް ކަށަވަރވުމުން ބަޔާންގެ ޗެއާމަން ކާލް ހެންޒް ރުމޭނިގާ ވިދާޅުވީ މި ކާމިޔާބު ލިބުމުގައި އެންމެ ބޮޑު ޝުކުރެއް ޙައްޤުވަނީ ތީމްގެ ކޯޗް ޕެޕް ގާޑިއޯލާއަށާއި ޓީމްގެ ކުޅުންތެރިންނަށް ކަމަށެވެ.
ރުމޭނިގާ ވިދާލުވީ މިކާމިޔާބު ފާހަގަ ކުރުމަށް ބޮޑު މުނާސަބަތެއް ބާއްވާނެ ކަމަށެވެ.

ބަޔާންގެ ކޯޗް ޕެޕް ގާޑިއޯލާ، ބަޔާންގެ ކުލުންތެރިންނަށް އިރުޝާދު ދެނީ. މިއީ އޭނާ ބަޔާންއަށް ހޯދައިދިން ދެ ވަނަ މުބާރާތް އަދި އޭނާގެ ކޯޗިން ކެރިއަރުގައި ޗެމްޕިއަންކަން ހޯދި ޤައުމީ ފެންވަރުގެ ފަސްވަނަ މުބާރާތް --- ފޮޓޯ/ އޭޕީ