29 Apr 2015, 09:49
ޖަކާޓާ (އެޕްރީލް 29) : އިންޑޮނީޝިޔާއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ކޯޓުން ހުކުމް ކޮށްފައިވާ ނުވަ މީހުންގެ ތެރެއިން އަށް މީހަކަށް އެގައުމުގެ ސަރުކާރުން މަރުގެ އަދަބު ދީފި އެވެ.
އިންޑޮނީޝިޔާ ސަރުކާރުން މަރުގެ އަދަބު ދިން އަށް މީހުންގެ ތެރޭގައި ހިމެނެނީ އެގައުމާއި އޮސްޓްރޭލިޔާ އާއި ނައިޖީރިޔާ އާ އަދި ބްރަޒިލްގެ ރައްޔިތުންނެވެ. މީގެތެރޭގައި އޮސްޓްރޭލިޔާގެ ދެމީހުން ހިމެނެއެވެ. ޖަކާޓާގެ މަރުކަޒީ ޖަލުކަމަށްވާ ނުސާ ކަންބަންގަންގައި މި އަށް މީހުންނަށް މަރުގެ އަދަބު ދީފައި ވަނީ އެމީހުންގެ ގަޔަށް ބަޑިޖަހައިގެންނެވެ. އިންޑޮނީޝިޔާ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މި ގްރޫޕްގައި ހިމެނޭ ފިލިޕީންސްގެ އަންހެންމީހާގެ މައްޗަށް އެންމެ ފަހު ވަގުތު މަރުގެ އަދަބު ތަންފީޒުކޮށްފައިނުވާ އިރު އިންޑޮނީޝިޔާ ސަރުކާރުން ބުނެފައި ވަނީ މޭރީ ޖޭން ވެލޯސޯ ނަމަކަށް ކިޔާ މިއަންހެންމީހާއަށް މަރުގެ އަދަބު ދިނުން ފަސްކޮށްލީ ކަމަށާ ނަމަވެސް އޭނާގެ މައްޗަށް މަރުގެ ހުކުމް ފަހުން ތަންފީޒުކުރާނެ ކަމުގަ އެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި މި އަށްމީހުންނަށް މަރުގެ އަދަބު ދީފައިވަނީ އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާނެކަން އިންޑޮނީޔާ ސަރުކާރުން އެމީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކަށް އެންގިތާ ތިންދުވަސްފަހުންނެވެ. މި އަށް މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި މިވަނީ މިކަން ނުކުރުމަށާއި އެމީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެދި އެމީހުންގެ ގައުމުތަކުންނާއި އދ. އާ އަދި ބައިނަލްއަގްވާމީ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުން އިންޑޮނީޝިޔާ ސަރުކާރަށް އެތަށް ފަހަރެއްގެ މަތިން އިލްތިމާސްކޮށްފައިވަނިކޮށެވެ.
މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އެދި އިންޑޮނީޝިޔާ ސަރުކާރަށް އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިކޮށްފައި ވަނީ އެގައުމުގެ އަވަށްޓެރި އޮސްޓްރޭލިޔާއިންނެވެ. މީގެއިތުރުން އެމްނެސްޓީ އިންޓަނޭޝަނަލް އާއި ވިލާތުގެ ބައެއް ގައުމުތަކުންނާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވެސް ވަނީ މިބައިމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ނުރުމަށް އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ އަށް އިލްތިމާސް ކުރައްވާފަ އެވެ.
މިއިލްތިމާސްތަކަށް ދިން ރައްދުގައި އިންޑޮނީޝިޔާގެ ސަރުކާރުން ބުނެފައި ވަނީ އެގައުމުގެ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ނުކުރުމަށް އެއްވެސް ގައުމަކަށް އަދި އެއްވެސް ޖަމާއަތަކަށް ނުއެންގޭނެ ކަމަށާއި އެފަދަ ކަމަކަށް އެދި އެއްވެސް ފަރާތަކުންކުރާ އިލްތިމާސަކަށް އިންޑޮނީޝިއާ ސަރުކާރުން އިޖާބަ ނުދޭނެކަމުގަ އެވެ. އިންޑޮނީޝިއާ އަކީ އެގައުމަށް މަސްތުވާތަކެތި އެތެރެކުރާމީހުންނަށާއި އެގައުމުގެ އެތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންނަށް މަރުގެ އަދަބު ދޭ ގައުމެކެވެ. މިދިޔަ ޖެނުއަރީ މަހު ވެސް އެގައުމުން ވަނީ މަސްތުވާތަކެތި އެތެރެކުރި ހަ މީހަކަށް މަރުގެ އަދަބު ދީފައިވެއެވެ. (ރޮއިޓާސް)