ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲއާ މަޝްވަރާ ކުރެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ހުށަހަޅުއްވައިފި އެވެ.

ސަރުކާރު ފަރާތުން މަޝްވަރާ ކުރެއްވުމަށް އަދީބު މިއަދު ވަނީ އިމްރާނަށް ސިޓީއަކުން ދައުވަތު އަރުވާފަ އެވެ. "ސަން"އަށް ކޮޕީ ލިބިފައިވާ ސިޓީގައި ބުނެފައި ވަނީ ސަރުކާރާ ވާހަަކަ ދެއްކުމަށް ފަސޭހަފުޅު ތާރިހަކާއި ވަގުތެއް އަންގަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މަޝްވަރާ ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރު ތައްޔާރަށް އޮތް ކަމަށެވެ.

މިނިސްޓަރު އަދީބުގެ ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނާ މަޝްވަރާ ކުރެއްވުމަށް އިމްރާން ހުށަހަޅުއްވާފައިވާ ކޮންމެ ފަހަރަކު އެކަމަށް ރައީސް އިޖާބަ ދެއްވާފައިވާ ކަމަށެވެ.

"ބިނާ ކުރަނިވި ގޮތުގައި ވާހަކަ ދެއްކުމާއި މަޝްވަރާ ކުރުމުގެ ދޮރަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ކުރިމަތީގައި ވެސް ދިވެހި ސަރުކާރުން އަބަދުވެސް ހުޅުވާލައްވާފައިވާ ފުރުސަތެކެވެ،" ޓޫރިޒަމް މިނިސްޓްރީގެ ލެޓާހެޑްގައި އަދީބު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އިމްރާނަށް ފޮނުއްވެވި ސިޓީގައި "ފިތުނަވެރި ވާހަކަ" ދެއްކުން ދޫކޮށްލުވުމަށް އަދީބު އެދިވަޑައިގެންފައިވެ އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އިމްރާނާ މަޝްވަރާ ނުކުރައްވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރައީސް ޔާމީން އަޑު ނާއްސަވާ ކަމަށް ސިޔާސީ ޕޯޑިއަމްތަކުގައި އިމްރާން ދައްކަވާ ވާކަހަފުޅު ތަކަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.

"ގައުމުގެ މަސްލަހަތު އިސް ކުރައްވައި ދިވެހި ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކުމަށާއި މަޝްވަރާ ކުރުމަށް މިވާ ފުރުސަތުގެ ބޭނުން މަނިކުފާނު ހެޔޮގޮތުގައި ހިއްޕަވާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ދިވެހި ސަރުކާރާ ވާހަކަ ދެއްކުމަށް ވަޑައިގަންނަވާނެ ތާރީހަކާއި ވަގުތެއް ވަރަށް އަވަހަށް އަންގަވައި ދެއްވާނެ ކަމަށް އުންމީދު ކުރަމެވެ،" އަދީބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ރޭ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން އިމްރާނާމަޝްވަރާ ކުރައްވާނީ އަދީބު ކަމަށެވެ. އިމްރާނާ މަޝްވަރާ ކުރެއްވުމަށް އަދީބު ހަމަޖައްސަވާފައި ވަނީ، މެއި އެއް ވަނަ ދުވަހު ބާއްވާ "މޭޑޭ" ހަރަކާތުގެކުރިން އަދީބު "އެއްލާލުމަށް" އިމްރާން ގޮވާލައްވާފައި ވަނިކޮށެވެ.