ރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން އަލްމީރިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވާދަވެރި ބާސާލޯނާގެ ފަހަތުން ތާވަލްގެ ދެ ވަނައިގައި ވިއްދައިފިއެވެ.

ރެއާލްގެ ސެންތިއާގޯ ބެރްނަބިއު ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެންދަނިކޮށް ކާމިޔާބު ކުރީ ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓްގައި އަލްމީރިއާގެ ދިފާއީ ކުޅުންތެރިއަކު ބޯޅަ ސާފުކޮށްދިނުމުގެ ގޮތުން ހެދުނު މިސްޓޭކެއްގައި ލިބުނު ބޯޅަ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެފައި އެއްފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ،

ލަނޑު ޖެހުމަށްފަހު ރެއާލްގެ ޖޭމްސް ރޮޑްރިގޭޒް އުފާ ކުރަނީ --- ފޮޓޯ/އޭޕީ

ރެއާލްގެ ދެ ވަނަ ލަނޑަކީ އަލްމީރިއާގެ އާޖެންޓީނާގެ ޑިފެންޑާ މައުރޯ ޑޮސް ސަންޓޯސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޑޮސް ސަންޓޯސް އަތުން އޭނާގެ ޓީމުގެ ގޯލަށް ބޯޅަ ވަނީ ރެއާލްގެ ޖަރުމަންގެ ޓޯނީ ކުރޫޒް ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރި ރޮނާލްޑޯއަށް ހުރަސް ކުރި ބޯޅަ ކޮންޓްރޯލު ކުރަން އުޅުމުގެ ތެރޭގައެވެ.

ރެއާލްގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފްގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްޕެއިންގެ ޑިފެންޑާ އަލްވާރޯ އާރްބެލޯއެވެ. މިއީ ޗިޗަރީޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ.

މީގެ އިތުރުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލްގެ ރޮނާލްޑޯއާ ޖޭމްސްއަށް ވެސް ލިބިގެން ދިޔައެވެ. އެގޮތުން މެޗްގެ ފުރަތަމަ 10 މިނެޓް ތެރޭގައި ލިބުނު ދެތިން ފުރުސަތު ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް މިހަމަލާތައް ދިފާއު ކުރުމުގައި އަލްމީރިއާގެ ގޯލް ކީޕަރު ރުބެން އިވާން މާޓިނޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރޮނާލްޑޯ އަތުން ބޯޅަ ހޯދުމަށް އަލްމީރިއާގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ފޮޓޯ/އޭޕީ

މިމެޗަށް ނިކުތް އިރު ފަސް ޕޮއިންޓްގެ ފަރަގާއެކު ތާވަލްގެ ދެ ވަނައިގައި އޮތް ރެއާލް ވަނީ މިމެޗުން މޮޅުވުމުން އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުރިން އޮތް ގޮތަށް ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ.

ބާސެލޯނާ އެއް ވަނައިގައި އޮތީ 84 ޕޮއިންޓާއެކުއެވެ. ރެއާލްއަށް މިމެޗުން މޮޅުވެފައިވުމުން ލިބިފައިވަނީ 82 ޕޮއިންޓެވެ.