30 Apr 2015, 12:41
ބ. އޭދަފުށީ ބަނދަރު ސަރަހައްދަށް ބަލާފައި ހުރި ޕެޓްރޯލު ފީފާ ތަކެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ ވަހީދު މިއަދު ސަންއަށް ވިދާޅުވީ އަލިފާން ރޯވީ މިއަދު 11:45 ހާއިރު ކަމަށެވެ. ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެ އެވެ.

އޭދަފުށީ ބަނދަރު ސަރަހައްދަށް ބަލާފައި ހުރި ޕެޓްރޯލު ފީފާ ތަކެއްގައި އަލިފާން ރޯވުން: ފޮޓޯ--ފޭސްބުކް
އަލީ ވަހީދު ވިދާޅުވީ އަލިފާން ރޯވާން ދިމާވީ ކީއްވެ ކަމެއް ނޭންގޭ ކަމަށާއި އަލިފާން ރޯވީ އެރަށު ހުޅނަގުފަރާތު ބަނދަރަށް ބާލާފައި ހުރި ޕެޓްރޯލު ފީފާތަކެއްގައި ކަމަށެވެ. އަދި އޭރު ފީފާތައް ކައިރީ ހަތަރު ވަރަކަށް ގޭސްފުޅި ވެސް ހުންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭދަފުށީ ބަނދަރު ސަރަހައްދަށް ބަލާފައި ހުރި ޕެޓްރޯލު ފީފާ ތަކެއްގައި އަލިފާން ރޯވުން: ފޮޓޯ--ފޭސްބުކް
އޭނާ ވިދާޅުވީ ހާދިސާ ހިނގިއިރު ބަނަދަރުގައި އަޅާފައި ހުރީ ކުދި ދޯނިފަހަރު ކަމަށާއި އަލިފާންރޯވުމާއެކު އެ ދޯނިތައް ވަގުތުން ދުރަށްޖެއްސި ކަމަށެވެ.
"އެއްވެސް މުދަލެއް އެއްޗެއް އެވަގުތު އެތާ ނުހުންނާނެ. އަލިފާން ރޯވިތަނާއި އެހިސާބުގައި ހުރި ދޯނި ފަހަރު ވެސް ދުރަށްޖެއްސި. އެއްވެސް ދޯންޏަކަށް ވެސް ގެއްލުމެއްނުވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެރަށަށް ޕެޓްރޯލާއި ޑީސަލް ހިފައިގެން ދިޔަ ދޯނީގެ މީހުން އެ އެއްޗެހި ރަށަށް ބޭލުމަށްފަހު ކުޑައިރުކޮޅަކަށް މަސައްކަތް ހުއްޓާލި ފަހުން ކަމަށެވެ.

އޭދަފުށީ ބަނދަރު ސަރަހައްދަށް ބަލާފައި ހުރި ޕެޓްރޯލު ފީފާ ތަކެއްގައި އަލިފާން ރޯވުން: ފޮޓޯ--ފޭސްބުކް
އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ މީހަކަށް އަނިޔާނުވެ އަލިފާންގަނޑު އޭގެ އަމިއްލަ ޒާތުގައި އެއްކޮށް މިހާރު ކޮންޓްރޯލުވެފައިވާ ކަމަށެވެ.
އަލިފާން ރޯވެފައިވަނީ އެރަށު އިންޖީނުގެއަށާއި ވިޔަފާރި ވެރިންނަށް ތެޔޮ ވިއްކަން ދިޔަ ދޯނިން ބޭލި ޕެޓްރޯލު ފީފާތަކުގަ އެވެ.